މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިން އެންޑް ޓެކްނޮލޮޖީ ވަގުތީގޮތުން ހިންގުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއާ ހަވާލުކޮށްފި އެވެ.

އެކްޓިން ކޮމިއުނިކޭޝަން، ސައިން އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް މިނިސްޓަރު ފައްޔާޒް އައްޔަންކުރައްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒްވަނީ ޔަގީންކޮށްދެއްވާފަ އެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީގެ ހިންގުން ފައްޔާޒާ ހަވާލުކުރެވުނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް ނިންމުމުންނެވެ.

އެމްޑީޕީގެ ޕާލެމެންޓްރީ ގްރޫޕްގެ އަދި ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު 14 މެމްބަރުންގެ ސޮޔާއެކު އެވެ.

މިނިސްޓަރަށް އިތުބާރު ނެތްކަމަށް ބުނެ މައްސަލަ ހުށަހަޅާފައިވަނީ މަގާމުގެ މައްސޫލިއްޔަތު ފުރިހަމައަށް އަދާ ނުކުރެވޭ ކަމަށާއި އަދި ސަރުކާރަށް ދެ އަހަރުވީ އިރު ޓެލެކޮމިއުނިކޭޝަންއާއި ބެހޭ އެއްވެސް ގަވާއިދެއް މިހާތަނަށް ހެދިފައި ނުވާ ކަމަށް ބުނެ އެވެ.

މިއަދުގެ ބަހުސްގައި މަލީހު ވިދާޅުވީ އެބޭފުޅާ މަގާމުން ވަކިކުރަން މަސައްކަތްކުރަނީ އަދާކުރަންޖެހޭ މައްސޫލިއްޔަތު ރަނގަޅަށް އަދާނުކުރެވޭތީ ނޫން ކަމަށެވެ. މަލީހު ވިދާޅުވީ މަގާމުން ވަކިކުރަން އުޅެނީ އެބޭފުޅާ ޓީވީ ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކެއް ހަޖަމު ނުވެގެން ކަމަށެވެ.

މިދިޔަ އަހަރު ނޮވެމްބަރ މަހުގެ ތެރޭގައި ދެއްކި ޓީވީ ޕްރޮގްރާމެއްގައި މަލީހްވަނީ މަޖިލީހުގެ ބައެއް މެމްބަރުންނަށް ފާޑު ވިދާޅުވެފަ އެވެ. އެބޭފުޅާ ވިދާޅުވީ ބައެއް މެމްބަރުންނަށް ސަރުކާރު ހިންގަނީ މަޖިލީހުން ކަމަށް ހީފުޅުވާ ކަމަށާ އަދި އެހެންނަމަވެސް ސަރުކާރުގެ ސިޔާސަތުތައް މަޖިލީހަށް ކަނޑަނޭޅޭނެ ކަމަށެވެ.

މަލީހު ވިދާޅުވީ އެއީ މަޖިލީހުގެ ޒިންމާއެއް ނޫން ކަމަށެވެ.

އިންޓަނެޓުގެ އަގު ހެޔޮކުރުމަށް މަލީހު ވެވަޑައިގެންފައިވާ ވައުދުގެ ވާހަކަ ބައެއް މެމްބަރުން ވިދާޅުވުމުން އެބޭފުޅާ ވިދާޅުވީ އިންޓަނެޓްގެ އަގު ހެޔޮކުރުމަށް މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއްކޮށް ނިންމާފައިވާ ކަމަށާއި، އެކަން ކުރާނެ ތާރީޚު ކަނޑައަޅާނީ އެހެނިހެން ކަންކަން ކުރާނީ ސަރުކާރުގެ ޕޮލިސީ ލެވެލުގައި ކަމަށެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްވީ 59 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ޖަލްސާގައި ބައިވެރިވި އެއް މެމްބަރަކު މަލީހް މަގާމުން ވަކިކުރަން ނުފެންނަކަމަށް ވޯޓު ދެއްވި އިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރަކު ތިއްބެވި އެވެ.