ޑާކާ (އޮގަސްޓް 7) - ކިޔަވާ ކުދިންގެ މުޒާހަރާތައް ބަންގްލަދޭޝްގައި ވަރުގަދަވެ، ވެރިކަން ވެއްޓޭ ހިސާބަށް ކަންކަން ހިނގައިދާނެ ކަމަކަށް ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އަށް އެއްގޮތަކަށް ވެސް ވިސްނިވަޑައިގެންފައެއް ނެތެވެ. އެކަމަނާގެ ވިސްނުން ހުރީ ސިފައިން ބޭނުންކޮށްގެން މުޒާހަރާތައް މައިތިރިކޮށް ވޭތުވެދިޔަ 15 އަހަރު ވެސް ވެރިކަމުގައި ބަގުޑިބައްދައިގެން ހުންނެވި ގޮތަށް ހުންނެވިދާނެ ކަމަށެވެ. އެކަމަަކު ކަންތައްވީ އެހެނެއް ނޫނެވެ. ރައްޔިތުންގެ ބާރު މާގަދައީ އެވެ.

މުޒާހަރާތައް ކޮންޓްރޯލް ކުރެވޭނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކުއްލި ބައްދަލުވުމެއް މިދިޔަ އާދިއްތަ ދުވަހު ބޭއްވި އެވެ. ހަސީނާ ހުންނެވީ އިސްތިއުފާ ދެއްވުމުގެ އެއްވެސް ވިސްނުމެއްގައެއް ނޫނެވެ. ސަލާމަތީ އޮފިސަރުންގެ ބަސް ވެސް ގަބޫލް ކުރައްވާ ގޮތަކަށް ނޫނެވެ.

އެންމެ ފަހުން ސަލާމަތީ އޮފިސަރުންނަށް ނުވި ކަންތައް ކުރީ ހަސީނާގެ އާއިލާގެ ބޭފުޅުންނެވެ. އިސްތިއުފާ ދެއްވަން ޚިޔާލަށް ވެސް ގެންނެވީ ބޮޑުވަޒީރުގެ ގެކޮޅަށް އާއްމުން އަރައިގަނެ ސަލާމަތް ނުވާނެ ހިސާބަށް ދިއުމުންނެވެ.

ސަލާމަތީ ބާރުތަކުގެ ވެރިންނާ އެކު އާދިއްތަ ދުވަހު ހެނދުނު ކުއްލި ބައްދަލުވުމެއް ބޭއްވި އެވެ. އާދިއްތަ ދުވަހު އެކަނިވެސް މުޒާހަރާތަކުގައި ވަނީ 90 މީހުން މަރުވެފަ އެވެ. ގިނަ މީހުން މަރުވީ ސިފައިން ބަޑިޖެހުމުންނެވެ. ނޭޝަނަލް ސެކިއުރިޓީ ކޮމިޓީގެ ބައްދަލުވުމުގައި ހަސީނާގެ ވިސްނުން ގެންގުޅުއްވީ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ވެރިކަމުގައި ހުންނެވުމަށެވެ. ނޫނީ ފިއްލަވައިގެން ވަޑައިގަތުމަށެވެ. ގައުމުގެ ހާލަތު ކޮންޓްރޯލުން ނެއްޓިއްޖެ ކަމަށް އަސްކަރީ އޮފިސަރުން ބުނި ނަމަވެސް އެ އަޑަށް ހަސީނާ ދެއްވީ ބީރު ކަންފަތެކެވެ. އާއްމުން ގަޔަށް ބަޑި ނުޖަހާނެ ކަމަށް އެ ބައްދަލުވުމުގައި ސިފައިން ވަނީ ބުނެފަ އެވެ.

ހަސީނާގެ ގެކޮޅާއި އޮފީހަށް ވަނީ އާއްމުން އަރައިގެންފައި.

އެ ބައްދަލުވުމަށް ފަހު، ޕްރެސް ސެކްރެޓަރީ މެދުވެރިކޮށް، ހަސީނާ ވަނީ މުޒާހަރާ ކުރާ މީހުންނަކީ ޓެރަރިސްޓުން ކަމަށް ސިފަ ކުރައްވައިފަ އެވެ.

ކިޔަވާ ކުދިންގެ މުޒާހަރާގެ ލީޑަރުން ދިޔައީ ހޯމަ ދުވަހު ޑާކާގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެ މުޒާހަރާ އަށް އެކި ސިޓީތަކުން ވެރިރަށް މީހުން ޖަމާވާން ފެށި އެވެ. އެހެންވެ ސިފައިންގެ ވެރިޔާ ވާކަރުއްޒަމާން ވަނީ ބޮޑުވަޒީރާ ގުޅުއްވުމަށް މަސައްކަތް ކުރައްވައިފަ އެވެ. ހޯމަ ދުވަހުގެ މުޒާހަރާގައި ބޮޑުވަޒީރުގެ ގެކޮޅަށް އާއްމުން އަރައިގެންފި ނަމަ ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ސިފައިން ވަނީ ހަސީނާ އަށް ދަންނަވައިފަ އެވެ. އެކަމަކު އެ ވާހަކަތައް ހަސީނާ އަޑެއް ނޭއްސެވި އެވެ.

ހޯމަ ދުވަހު ހެނދުނު ޑާކާ އަށް މީހުން ޖަމާވަމުން ދިޔަ އިރު ސިފައިންގެ ވެރިޔާ ޖެނެރަލް ޒަމާން އިއްނެވީ ހަސީނާގެ ގެކޮޅުގަ އެވެ. ކާފިއު އަށް ބެލުމެއް ނެތި މީހުން އެއްވަމުންދާ ވާހަކަ އޭނާ ދެންނެވި އެވެ. ބޮޑުވަޒީރުގެ ގެކޮޅު މާގިނައިރަކު ހިމާޔަތް ނުކުރެވޭނެ ކަމަށް ވެސް ދެންނެވި އެވެ.

މި ހާލަތުގައި ސިފައިންގެ ވެރިން ދެން ގަސްދުކުރީ ހަސީނާގެ އާއިލާގެ ބޭފުޅުންނާ ގުޅައިގެން އޭނާ އެއްބަސްކުރުވޭތޯ އެވެ. ސިފައިން ދެން ގުޅީ ހަސީނާގެ ކޮއްކޮ ރީހާން ސިއްދީގަށެވެ. ހަސީނާ އިސްތިއުފާ ދެއްވާ ވަޑައިގަންނަވާތޯ އެވެ.

ރީހާން ވެސް ހަސީނާއާ ބައްދަލު ކުރައްވައި ހާލަތު ވިދާޅުވެ ދެއްވި ނަމަވެސް ހަސީނާ ހުންނެވީ ވެރިކަން ދޫކުރައްވާ ގޮތަކަށް ނޫނެވެ. އޭގެ ފަހުން ހަސީނާގެ ދަރިކަލުން ސަޖީބު އާއި ދަރިކަނބަލުން ސައިމާ މެދުވެރިކޮށް ހަސީނާއާ ގުޅި އެވެ. ހަސީނާގެ ދެ ބޭފުޅުން ވެސް އުޅުއްވަނީ ގައުމުން ބޭރުގަ އެވެ.

އިސްތިއުފާ އަށް ހަސީނާ އެއްބަސްވީ އޭނާގެ ދަރިކަލުން ދެއްކެވި ވާހަކަތަކުން ކަމަށްވެ އެވެ.

ހޯމަ ދުވަހު ހެނދުނު ހަސީނާ ގެންދެވީ އިންޑިއާގެ އޮފިޝަލުންނާ ގުޅަމުންނެވެ. ސަލާމަތުން އެ ގައުމަށް ދިއުމަށްޓަކަ އެވެ. ހަސީނާ އެއްބަސްވެވަޑައިގެންނެވީ އިސްތިއުފާގެ ސިޓީގައި ސޮއިކުރެއްވުމަށް ފަހު ގައުމުން ވަޑައިގަތުމަށެވެ. އެކަން އެނގޭނީ ސްޕެޝަލް ސެކިއުރިޓީ ފޯސް އާއި ޕްރެޒިޑެންޝަލް ގާޑާއި ސިފައިންގެ ސީނިއާ އޮފިސަރުންނަށް އެކަންޏެވެ.

އަސްކަރީ ހެލިކޮޕްޓަރެއްގައި ގަނޑުވަރުން އެއާޕޯޓަށް ވަޑައިގެންނެވީ ވަރަށް ސިއްރުންނެވެ. އޭރު ގައުމުގައި އިންޓަނެޓް އޮތީ ކަނޑާލައިފަ އެވެ. އެހެންވެ އެ ބާވަތުގެ ޚަބަރުތައް ފެތުރުން އޮތީ ހުއްޓިފަ އެވެ. އިންޑިއާ އަށް ވަޑައިގެންނެވީ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގަ އެވެ.