މަކަރާއި ހީލަތުން އޮޅުވާލައިގެން ސައިކަލު ގެނެސްދޭނެ ކަމަށް ބުނެ ކިންގްސްޓަން ކުންފުނިން ހިންގި ސްކޭމެއްގައި ޖެހުނު މީހުންގެ މައުލޫމާތު ފޯރުކޮށްދިނުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ބުނީ ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އާންމުންނަށް ސައިކަލު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް މި ފުލުހުންނަށް ހުށަހެޅިފައިވާތީ، އެ މައްސަލަތައް މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

އެހެންކަމުން، ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސައިކަލު ގަތުމުގައި މަކަރާއި ހީލަތުގެ އަމަލެއްގެ ޝިކާރައަކަށް ވެފައިވާ އިތުރު އެއްވެސް ފަރާތެއްވާ ނަމަ، ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރެއްވުން އެދޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މިފަދަ މައްސަލަތަކުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ފުލުހުން ވަނީ ޝުކުރު ދަންނަވައިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުންފުނިން ސައިކަލު ގަތުމަށް ބައެއް މީހުން ފައިސާ ދެއްކިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް ސައިކަލު ހަވާލެއް ނުކުރެ އެވެ. ކިންގްސްޓަންގެ އޮފީހަށް ގުޅުމުން ފޯނު ނުނަގާ ކަމަށް ވެސް، ސައިކަލު ގަންނަން ފައިސާ ދެއްކި ބައެއް މީހުން ބުނެފައިވެ އެވެ. އަދި ސައިކަލު ގަންނަން ފައިސާ ދައްކާފައިވާ އެތައް ބަޔަކު ކުންފުނީގެ ޝޯ ރޫމް ހުންނަ ސަރަހައްދަށް ގޮސް މުޒާހަރާ ވެސް ކޮށްފައިވެ އެވެ.