ޅަފަތުގައި ބަރުދަން އިތުރުވުމަކީ މިހާރު ބޮޑުވަމުން އަންނަ ނުރައްކަލެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބަރުދަން ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރު 350 މިލިއަން ކުޑަކުދިން މިހާރު ވެސް ދުނިޔޭގައި އުޅެ އެވެ.

ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކަކާއެކު ކުޑަކުދިންގެ ބަރުދަން އިތުރުވުމަށް ފަހި ފުރުސަތެއް ވަނީ ހުޅުވިފަ އެވެ. އެހެން ކަމުން މައިންބަފައިން މިކަމަށް ސަމާލުކަންދީ އެހީތެރިވާން ޖެހެ އެވެ.

ދުޅަހެޔޮ ކާނާ އިޚްތިޔާރުކުރޭ!

ހަކުރު ގިނަ ކެއުންތަކާއި ފާސްޓް ފުޑްއަކީ މިހާރު ކުޑަކުދިން ލޯބިކުރާ އެހެން ނަމަވެސް އެހާމެ ނުރައްކާތެރި ބާވަތްތަކެކެވެ. ފަސޭހަ ކޮށްލަން މިފަދަ ކެއުންތައް ދަރިންނަށް ދިނުމުގެ ބަދަލުގައި ދުޅަހެޔޮ ކާނާ ގޭގައި ތައްޔާރުކޮށް ދަރިންނަށް ދޭށެވެ.

ހަރަކާތްތެރިވެ އުޅުމަށް ހިތްވަރުދީ!

ދުވާލެއްގެ މައްޗަށް ޓީވީއާއި ކޮމްޕިއުޓަރު ބޭނުންކުރުން ފަދަ "ސްކްރީން ޓައިމް" ވަކި މިިންވަރެއްގައި ހިފަހައްޓާށެވެ. އޭގެ ބަަދަލުގައި ބޭރަށް ނުކުމެ ހަރަކާތްތެރިވެ އުޅެން ދަރިންނަށް ހިތްވަރު ދޭށެވެ.

މައުލޫމާތު ހިއްސާކުރޭ!

މާބޮޑަށް ބަރުދަން އިތުރު ވެއްޖެނަމަ ދިގު މުއްދަތުގައި އެ ކުދިންނަށް ދިމާވާނެ އުނދަގޫތައް ކިޔައިދީ ހޭލުންތެރިކަން އިތުރު ކުރާށެވެ. އެހެނީ އެކަންކަން ރަނގަޅު ކުރެވޭނީ އަމިއްލައަށް އެކަން ގަބޫލު ކުރެވިގެންނެވެ.

ނަމޫނާ ދައްކާ!

ދަރިންނަށް ވަކި ކަމެއް ކުރަން ބުނެ އެގޮތަށް މައިންބަފައިންގެ ފަރާތުން ނަމޫނާ ނުފެންނަ ނަމަ އެ ކުދިން އެކަމެއް ކުރުން ދުރުވާނެ އެވެ. އެހެން ކަމުން ގޭތެރޭގައި ނަމޫނާ މާހައުލެއް ގާއިމު ކުރާށެވެ.

މާހިރެއްގެ އެހީ ހޯދާ!

ދަރިފުޅުގެ ބަރުދަން މާބޮޑަށް އިތުރުވާހެން ހީވާނަމަ މާހިރުންގެ ލަފައާއި އެހީ ހޯދާށެވެ. ލަސްނުވެ ދަރިން ކައުންސެލިންއަށް ފޮނުވައި މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާށެވެ.