ކ. ހިންމަފުށީގައި މާރާމާރީއެއް ހިންގުމާ ގުޅިގެން ހައްޔަރުކުރި މިސްރުގެ ދެ ރައްޔިތަކު، އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްލުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މޯލްޑިވްސް އިމިގްރޭޝަނަށް ހުށަހަޅައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި، ހިންމަފުށީގައި ބަޔަކު މާރާމާރީއެއް ހިންގާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ޖުލައި 19 ވަނަ ދުވަހުގެ ރޭ 7:24 އެހާކަންހާއިރު އެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ހަރަކާތްތެރިވެ، މައްސަލައިގެ ތުހުމަތުގައި މިސްރަށް ނިސްބަތްވާ ބިދޭސީ ދެ ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުން ދެ ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. ފުލުހުން ބުނިގޮތުގައި، މި މައްސަލައިގައި ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، ތަހުގީގުގައި ބަލަންޖެހޭ ކަންކަން ފުލުހުން ވަނީ ފުރިހަމަކޮށްފަ އެވެ.

ތަހުގީގަށް ހޯދިފައިވާ މައުލޫމާތުތަކާއި ކަންކަމަށް ރިއާޔަތްކުރުމަށްފަހު، ފުލުހުން ވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފަ އެވެ. އެގޮތުން، އެ ދެ މީހުން ރާއްޖެއިން ފުރުވާލުމަށްފަހު، އަނބުރާ ރާއްޖެ ނާދެވޭނެ ގޮތް ހެދުމަށްޓަކައި އެ މައްސަލަ މޯލްޑިވްސް އިމިގްރޭޝަނަށް މިހާރު ވަނީ ރަސްމީކޮށް ހުށަހަޅާފަ އެވެ.