އިސްރާއީލުން ގައްޒާގެ ސުކޫލަކަށް ހަމަލާދީ 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެކަން ކުށްވެރި ކުރައްވައިފި އެވެ.

ގެދޮރު ގެއްލިފައިވާ ގައްޒާ ރައްޔިތުން ހިމާޔަތް ހޯދަމުން ދިޔަ އަލް ތަބީން ސުކޫލަށް އިސްރާއީލު ސިފައިން މިސައިލް ހަމަލާތަކެއްދީ އެތައް ބަޔަކު ޝަހީދުކޮށްލާފައި ވަނީ ހޮނިހިރު ދުވަހު ފަތިހު ފަތިސް ނަމާދު ވަގުތުގަ އެވެ.

ރައީސް ވަނީ އިސްރާއީލްގެ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ.

"ބިރުވެރި ފޮޓޯތަކުން ފެންނަގޮތުން އަލްތަބީން ސްކޫލުގައި ހިމާޔަތް ހޯދަމުން ދިޔަ މީހުންގެ ތެރެއިން ޝަހީދުވެފައިވާ އަދި ޒަހަމް ވެފައިވާ އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ހިމެނޭ،" ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

މިދިޔަ އޮކްޓޫބަރު މަހު ހަނގުރާމަ ފެށި ފަހުން ފަލަސްތީނުގެ ކުށެއް ނެތް 39،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ރައީސް ވިދާޅުވި އެވެ.

މިކަމަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ކަނޑައެޅިގެން ހިލާފު ކަމެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިސްރާއީލުން ޖަވާބުދާރީ ކުރުވައި އާންމުން ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އިއްޔެގެ ވަގުތެއްގައި ފޮރިން މިނިސްޓްރީން ވެސް ވަނީ އިސްރާއީލުގެ މި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރި ކުރާކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ.