ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ސަރުކާރުން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު މާލޭ ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުމަށްފަހު ނުކުމެވަޑައިގެން "އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ރައީސް އޮފީހުން އަދި ސަރުކާރުގެ މަގާމެއްގައި ހުރި މީހަކު ޝަރުއީ ނިޒާމުގެ ތެރެއަށް އެއްވެސް ވަރެއްގެ ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ. އަދި އެފަދަ މީހަކު މާގާމެއްގައި ހުރިނަމަ ވަގުތުން ވަކި ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މަގާމުތަކަށް އައްޔަން ކޮށްފައި ތިއްބެވި އެއްވެސް މީހެއްގެ ކިބައިން ޝަރީއަތަށް އަދި ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ޓޮލެރޭޓު ނުކުރާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް ޔާމީން ވަނީ މި ސަރުކާރުގެ އިސްވެރިން އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުއްވިކަމަށް ތުހުމަތު ކުރައްވާފަ އެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ވަރަށް އަވަހަށް އެކަން ކުރެއްވި ބޭފުޅުންގެ އޯޑިއޯތައް އާއްމުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ޔާމީން ތުހުމަތު ކުރައްވަނީ އެމްޑީޕީ ވެރިކަމުގައި ޕީޕީއެމްގެ ލީޑަރޝިޕްގެ އިސް ބޭފުޅުންގެ ތެރެއިން އެމަނިކުފާނު ޖަލުގައި ބެހެއްޓުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވެފައިވަނީ ހައިކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު މައްސަލައަށް ނުފޫޒު ފޯރުވާ ލަސްކުރި އެންމެން އެނގިވަޑައިގަންނަވާ ކަމަށެވެ