މިދިޔަ އާދީއްތަ ދުވަހު ނިމުނު އޮލިމްޕިކްސްގެ ތެރެއިން އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ވިލިއަމްއާއި އަނބިކަނބަލުން ޕްރިންސަސް ކޭޓްގެ ހާއްސަ ފެނިލުމެއް ފެނިއްޖެ އެވެ.

އޮލިމްޕިކްސްއިން ވިލިއަމްއާއި ކޭޓް ފެނިފައިވަނީ އެ މުބާރާތުގެ ނިންމުމުގެ ހަފްލާގެ ކުރިން މުބާރާތުގައި ބައިވެރިވި އިނގިރޭސި ވިލާތުގެ އެތުލީޓުންނަށް ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގަ އެވެ.

އެ ވީޑިއޯ މެސެޖުގައި ކޭޓް ބުނެފައިވަނީ އޮލިމްޕިކްސްގައި އިނގިރޭސި އެތުލީޓުން ދެއްކި ހުނަރަށް ގައުމުގައި ތިބި އެންމެންގެ ލޯތްބާއި ޝުކުރު ފޮނުވާ ކަމަށެވެ.

މުބާރާތުގައި ހުރިހާ އެތުލީޓުން ވެސް ދެއްކީ ފާހަގަ ކުރަންޖެހޭ ވަރުގެ ހުނަރެއް ކަމަށާއި އެފަރާތްތަކުގެ ސަބަބުން ހުރިހާ އިނގިރޭސިންނަށް ހިތްވަރު ލިބިފައިވާ ކަމަށް ޕްރިންސް ވިލިއަމް ފާހަގަކުރެއްވި އެވެ.

އެ ވީޑިއޯގައި ޝާހީ ދެމަފިރިންގެ އިތުރުން ޑޭވިޑް ބެކަމްފަދަ އިނގިރޭސި ވިލާތުގެ މަޝްހޫރު ޝަހްސިއްޔަތުން ވެސް އެ ވީޑިއޯއިން ފެނިގެންދިޔަ އެވެ.

އޮލިމްޕިކްސްގެ ބެލުންތެރިންނަށް ކޭޓްގެ ފެނިލުމެއް ފެނިފައި މިވަނީ އުރަމަތީގެ ކެންސަރަށް އޭނާ ފަރުވާ ހޯދަމުން އަންނަ ދަނޑިވަޅެއްގަ އެވެ.