ނިމިގެންދިޔަ ޕެރިސް އޮލިމްޕިކްސްގައި އެމެރިކާއިން ހޯދާފައިވާ ރަން މެޑަލްތަކުގެ 65 ޕަސެންޓް މެޑަލަކީ އަންހެނުން ހޯދާފައިވާ މެޑަލްކަން ހާމަވެއްޖެ އެވެ.

ޕެރިސް އޮލިމްޕިކްސްގައި އެމެރިކާއަށް ލިބިފައި ވަނީ 40 ރަން މެޑަލް އެވެ. އޭގެ ތެރެއިން 26 ރަން މެޑަލަކީ އަންހެނުންނަށް ލިބިފައިވާ މެޑަލް އެވެ.

އޮލިމްޕިކްސްގައި ބައިވެރިވި 200 އަށް ވުރެ ގިނަ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ރަން މެޑަލް ހޯދާފައިވަނީ އެމެރިކާއިންނާއި ޗައިނާއިންނެވެ. އެއީ ދެ ގައުމަށް ވެސް 40 ރަން މެޑަލެވެ. ދެވަނަ ހޯދި ޖަޕާނަށް ވަނީ 20 ރަން މެޑަލް ލިބިފަ އެވެ.

މިދިޔަ ގޭމްސްއާ އަޅާބަލާއިރު، ޓޯކިޔޯގައި އެމެރިކާއިން ހޯދާފައިވާ 39 ރަން މެޑަލްގެ ތެރެއިން 23 މެޑަލް ނެގީ އަންހެނުންނެވެ.

ޕެރިސް ގޭމްސް އަކީ ފުރަތަމަ ފަހަރަށް މިންތީގެ ހަމަހަމަ ކަމާއިއެކު ބޭއްވުނު އޮލިމްޕިކްސްއެވެ. އެގޮތުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ކޯޓާ ޖާގަތަކުގެ 50 ޕަސެންޓް އަންހެން އެތުލީޓުންނަށް އަދި 50 ޕަސެންޓް ފިރިހެން އެތުލީޓުންނަށް ހާއްސަކުރި އެވެ.