ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ މާލެއަށްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި ހަތަރު ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެފައިވެ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ ހެނދުނު 8 އިން މިއަދުގެ ހެނދުނު 8ގެ ނިޔަލަށް މާލެއަށް 89.4 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އއ. ތޮއްޑޫއަށެވެ. ތޮއްޑޫއަށް 70.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

ފާއިތުވި 24 ގަޑިއިރު ވިލާގަނޑުގައި އެންމެ ވައިގަދަވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވަނީ ހދ. ހަނިމާދޫއާއި މާލެއަށް ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެ އެވެ. އެއީ ގަޑިއަކު 47 މޭލެވެ.

އެ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި މިއަދު މެންދުރުފަހުން ފެށިގެން ދެކުނުގެ ރަށްތަކަށްވެސް ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ބުނެ އެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކަށް ރާޅު އަރާނެކަމަށް ލަފާކުރެވޭނެ ކަމަށް ވެސްވަނީ ބުނެފަ އެވެ.

މޫސުމާ ބެހޭ އިދާރާއިން ވަނީ މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ ސަލާމަތީ ކަންކަމަށް އިސްކަންދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.