ސައިބާ ސެކިއުރިޓީއާއި މިސްއިންފޮމޭޝަނާ އަދި ޑިސްއިންފޮމޭޝަން މަދުކުރުމުގައި އެއްބާރުލުން އިތުރުކުރުމަށް ޔޫއޭއީ ސަރުކާރުގެ ސައިބާ ސެކިއުރިޓީގެ އިސްވެރިޔާ ޑރ. މުހައްމަދު އަލް ކުވައިތީ އާއެކު ރައީސް މުއިއްޒު މަޝްވަރާ ކުރައްވައިފި އެވެ.

މިމަޝްވަރާ ކުރެއްވުން އޮތީ މިއަދު ރައީސް އޮފީހުގަ އެވެ.

ޔޫއޭއީގެ ސައިބާ ސެކިއުރިޓީގެ އިސްވެރިޔާއަށް މަރުހަބާ ވިދާޅުވެ ރައީސް ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ވޭތުވެ ދިޔަ އަހަރުތަކުގައި ޔޫއޭއީ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުންގެންދެވި އެހީތެރިކަމާއި ފަހިކޮށްދެއްވަމުން ދިޔަ ފުރުސަތުތައް ފާހަގަކުރައްވައި އެއީ ދެގައުމުގެ ދެމެދުގައި އޮންނަ އަޚްވަންތަކަމުގެ ގުޅުމުގެ ހެއްކެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މިބައްދަލުވުމުގައި ރައީސް އާއި ޔޫއޭއީގެ ސައިބާ ސެކިއުރިޓީގެ އިސްވެރިޔާ ވަނީ ޑާޓާ ޕްރޮޓެކްޝަނާއި ސައިބާ ސެކިއުރިޓީއާއި މިސްއިންފޮމޭޝަނާ އަދި ޑިސްއިންފޮމޭޝަން މަދުކުރުމުގައި އެއްބާރުލުން އިތުރުކުރުމާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް ކަމާގުޅޭ އޮފިޝަލުން އަހުލުވެރިކުރުމަށް ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޔޫއޭއީން މިހާރު ކުރިޔަށްގެންދަވާ މަޝްރޫއު ފާހަގަކުރައްވައި، އެކުވެރި ޢަރަބި އިމާރާތުގެ ރައީސް، ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާންގެ ދުރުވިސްނުންފުޅާ ލިޑަރޝިޕާ އަދި ދެގައުމުގެ ދެމެދު އިސްތިރާޖީގޮތުން ގުޅުންބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތްތަކަށް ތައުރީފުކުރައްވާފަ އެވެ.

ރައީސް އާއި ޔޫއޭއީގެ ސައިބާ ސެކިއުރިޓީގެ އިސްވެރިޔާގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ދެ ގައުމަށްވެސް ފައިދާހުރި މުހިންމު ދާއިރާތަކުން ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުންބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވަމުންނެވެ.