ގަދީމީ ގަލެއްގައި އާދަޔާޚިލާފަށް ކަނޑާ ނަގާފައިވާ ކޯޑްމެސެޖެއް ކިޔައިދޭ މީހަކަށް އަގުބޮޑު އިނާމެއް ހުށަހަޅައިފި އެވެ.

ފްރާންސްގެ ވިލެޖެއް ކަމުގައިވާ ޕްލައުގެސްޓަލް ދައުލަސް އިން ފެނުނު، މިދުވަސްވީ ގަލުގައި ވާ އާދަޔާ ޚިލާފު ކޯޑްމެސެޖް އެވިލެޖުގެ އެކަކަށް ވެސް ކިޔާކަށް ނޭނގުނެވެ.

އެމެސެޖުގައި އިނގިރޭސި އަކުރުތަކަކާއި ކުރެހުންތަކެއްވެ އެވެ. އެ ކުރެހުންތަކުގެ ތެރޭގައިވާ ރިޔާނެގި ދޯނި ފިޔަވައި އެހެން އެއްވެސް އެއްޗެއް ސާފެއް ނޫނެވެ. އެގަލުގައި 1786 އަދި 1787 މި ދެ އަހަރު ކަނޑާ ނަގާފައިވެ އެވެ.

ބައެއް މީހުން ބުނާ ގޮތުގައި އެލިޔުމަކީ އެގައުމުގެ "ބާސްކް" ދަރިކޮޅުގެ މީހުނަށް ނިސްބަތްވާ ލިޔުން ކޮޅެކެވެ. އަނެއްބައި މީހުން ބުނާ ގޮތުގައި އެއީ "ބްރެޓަން" ދަރިފަސްކޮޅަށް ނިސްބަތްވާ ލިޔުން ކޮޅެކެވެ. ނަމަވެސް އަދިވެސް އެމެސެޖް ނިސަބްތްވާ އަސްލު މީހުން ދެނެގަނެވި ފައެއް ނުވެ އެވެ.

ގަދީމީ ކަންކަންހޯދާ ދިރާސާ ކުރާ މީހުންނަށް ވެސް އަދި މިހާތަނަށް މިމެސެޖް ދެނެގަނެވިފައެއް ނުވެ އެވެ. ކަމާބެހޭ ފަރާތްތަކުން ދަނީ ބައިނަލްއަގްވާމީ ޚަބަރު ފަތުރާ ވަސީލަތްތަކާ ގުޅިގެން ވެސް އެ މަސައްކަތަށް ކުރިއެރުމެއް ލިބޭތޯ މަސައްކަތް ކުރަމުންނެވެ.

ގަލުގައިވާ ކޯޑްމެސެޖް ބުނެދޭ މީހަކަށް ހުޝަހަޅައިފައިވާ އިނާމަކީ 2،250 އެމެރިކާ ޑޮލަރެވެ.