ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައިދިނުމަށް ކަމަށާއި ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް މުހައްމަދު މުއިއްޒު ކުރިން ދެއްކެވި ހުރިހާ ވާހަކަތައް ބަދަލުވެ ރައީސްގެ ހާރިޖީ ސިޔާސަތާމެދު ސުވާލު އުފެދޭކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ ރޭ ޕީއެންއެފްއިން ބޭއްވި ހަރުގެ ޖަލްސާގައި އޯޑިއަންސްގައި އިންނަވައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު އިންޑިއާއަށް ވަރަށް ބޮޑަށް ކޮމްޕޮރޮމައިޒް ވެފައިވާ ކަމަށާއި، މިކަމުގައި ނޭނގޭ ކަންތައްތައް ހޯދަންޖެހޭ ކަމަށެވެ.

"މުއިއްޒަކީ އެހާ ބޮޑަށް އިންޑިއާ އަށް ކޮމްޕޮރޮމައިޒް ވެފައި ހުރި ބޭފުޅަކަށް މިވަނީ ކީއްވެހޭ. މުއިއްޒުގެ ކޮން ކަންތައްތަކެއް އިންޑިއާ ސަރުކާރަށް އެނގޭތީހޭ މުއިއްޒު ކޮމްޕޮރޮމައިޒް ވެގެން މިއުޅެނީ. ޝައްކަތް ނެތް މިންވަރަށް އެބަ އެނގޭ މުއިއްޒު ކޮންޕްރަމައިޒް ވެފައި ހުރިކަން" ރައިސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މިއަދު އެބޭފުޅުން ކީހާޅެން ފަރިއްސަށްވެފައިވާ ކަމަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުމަށް ރައްޔިތުންގެ މަޖިލިސް ނުކުޅެދިފައިވާކަމަށް ވެސް ރައީސް ޔާމީން ފާހަގަކުރެއްވި އެވެ. ސަރުކާރު ޒިންމާދާރު ކުރުވާނެކަމަށް ބުނެ މަޖިލިސްއަށް ހޮވިވަޑައިގެންނެވި މެންބަރުންގެ ވެސް ވާހަކަ ބަދަލުވެފައި ވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލިސް ނުކުޅެދިފައި މިއޮތީ. އެންމެ ވަރުގަދައަށް އިންޑިއާ އައުޓްގެ ހަރަކާތްތަކާއި، މި ހުރިހާ ވާހަކައެއް މިނިވަން ޖާނަލިސްޓެއް ގޮތުގައި ލިޔަމުން އައީ އަޒާން ދިޔަރެސްގައި. އެފަކީރު ފޮނުވާފައި ހުރީ އިންޑިއާ ހާރިޖީ ވަޒީރު އައްޑުއަށް ކުރެއްވި ދަތުރުގައި މެހެމާންދާރީ އަދާކުރަން، އިސްތިގުބާލް ކުރަން އެއާޕޯޓުގައި އިނގޭތޯ. އެހެންވީމަ ކިހިނެތްހޭ މިވަނީ،" ރައީސް ޔަމީން ސުވާލު ކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވައި، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، ގާނޫނު އަސާސީ ދަމަހައްޓާ ނަގަހައްޓަންޖެހޭ ކަމަށެވެ. މާތް ﷲ ގަންދީ ހުވާ ކޮށްގެން ތިބި މެންބަރުން، މުލިއާ ގެއިން ލިބޭ އިތުރު 50،000 ރުފިޔާއަށް ތަބާވާން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.