ފިލިޕީންސުން އެމްޕޮކްސް ވައިރަހުގެ އާ ކޭހެއް ފެނުމުން އެއީ އެ ބަލީގެ އާ ވޭރިއަންޓްތޯ ޓެސްޓްކުރަމުން ދާކަމަށް އެގައުމުން ބުނެފި އެވެ.

މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށް ފަހު އެ ގައުމުން ފެނުނު ފުރަތަމަ ކޭސް ކަމަށް އެ ގައުމުގެ ހެލްތު ޑިޕާޓްމަންޓުން ބުނެ އެވެ.

ޑިޕާޓްމަންޓް އޮފް ހެލްތު (ޑީއޯއެޗް) އިން ބުނީ ބަލި ޖެހުނު މީހާއަކީ ފިލިޕީންސް އިން ބޭރަށް ދަތުރުކޮށްފައި ނުވާ އުމުރުން 33 އަހަރުގެ ފިލިޕީންސް ފިރިހެނެއް ކަމަށެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ފެތުރެމުންދާ މި ބަލި މުޅި ދުނިޔެއަށް ފެތުރިދާނެކަމަށް ލަފާކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުދަ ދުވަހު ވަނީ އެމްޕޮކްސް އަކީ ދުނިޔޭގެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސްވިޑެންއިން އާ ވޭރިއަންޓްގެ ކޭސްއެއް ފެނިފައިވާއިރު، އެފްރިކާގައި ބަލި ފެތުރެމުންދާ މިންވަރު ވަނީ އިތުރުވެފަ އެވެ. ޔޫއޭއީ އިން އެނބުރި އައި މީހެއްގެ ގައިން އެމްޕޮކްސް ވައިރަހަށް އެކަކު ޕޮޒިޓިވްވިކަން ޕާކިސްތާނުން މިދިޔަ ހުކުރު ދުވަހު ކަށަވަރުކޮށްދިން ނަމަވެސް، ވައިރަސްގެ ސްޓްރެއިން އަދި ނޭނގޭ ކަމަށް ޕާކިސްތާނުން ބުނެ އެވެ.

ފިލިޕީންސުން މިއަދު ޕޮޒިޓިވްވި މީހާއަކީ އެގައުމުން އެބަޔަށް މިހާތަނަށް ޕޮޒިޓިވްވި 10 ވަނަ މީހާއެވެ. އޭގެ ތެރެއިން ފުރަތަމަ ކޭސް ފެނިފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

އެމްޕޮކްސް ވައިރަހުގެ ސަބަބުން ޖެހޭ މި ބަލީގެ ސަބަބުން ރޯގާ ފަދަ އަލާމާތްތަކާއި މުޅި ގައިގައި ބޮޑެތި ބިހިތަކެއް ނެގުން ހިމެނެ އެވެ. މިއީ އާންމުގޮތެއްގައި ކްލޯސް ކޮންޓެކްޓް ވުމުން ފެތުރޭ ބައްޔެކެވެ. ކުޑަކުދިންނާއި މާބަނޑު މީހުންގެ އިތުރުން ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.