އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިޔާ ވިރާޓް ކޯލީއާއި އޭނާގެ އަންހެނުން ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރްމާ އިންޑިއާ ދޫކޮށް އިނގިރޭސި ވިލާތުގެ ލަންޑަނަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް އަރައިފި އެވެ.

މި އަޑުތައް ގަދަވެފައި މިވަނީ އެކަމަށް އިޝާރާތްކޮށް ވިރާޓް ވާހަކަ ދައްކާފައިވާ ކުރީގެ އިންޓަވިއުއެއް މީޑިއާއަށް ފެންމަތި ވުމުންނެވެ.

އެ އިންޓަވިއުގައި ވިރާޓް ބުނެފައިވަނީ ޔޫރަޕްގައި ދިރިއުޅުން އޭނާއަށް ކަމުދަނީ އެ ސަރަހައްދުގެ ގިނަ މީހުންނަށް އޭނާއަކީ ކާކުކަން ނޭނގޭތީ އާއްމު ދިރިއުޅުމެއް އުޅުމަށް ފުރުސަތު ލިބޭތީ ކަމަށެވެ.

އެއާއެކު ކްރިކެޓުން ރިޓަޔާވުމަށްފަހު ދެން އޭނާ އިންޑިއާގައި ނުހުންނާނެ ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވެސް ވިރާޓް ވާހަކަ ދައްކާފައިވެ އެވެ.

ވިރާޓްއާއި އަނުޝްކާ އެ މީހުންގެ ދަރިންނާއެކު ވަރަށް ގިނައިން ލަންޑަނަށް ގޮސް އުޅެ އެވެ. މިކަމަކީ އަޑުތަކަށް ލިބޭ އިތުރު ބާރަކަށް ވަނީ ވެފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ ދެމަފިރިންގެ ހަގު ދަރިފުޅު އަކޭއި އުފަންވީ ވެސް ލަންޑަނުގަ އެވެ. މިއީ ވެސް އެ ދެމީހުންގެ ހިތް ލަންޑަނަށް ޖެހުނު އިތުރު ސަބަބެކެވެ.

ކޮންމެއަކަސް މިފަދަ އަޑުތަކެއް ފެތުރުނު ނަމަވެސް ވިރާޓް ނުވަތަ އަނުޝްކާ މީޑިއާއަށް އެ ހަބަރުތައް އެއްވެސް ވަރަކަށް ޔަގީން ކޮށްދީފައެއް ނުވެ އެވެ.