ފްޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހާލަތު ފެންނަ ފޮޓޯތަކެއް ހިއްސާކުރައްވާ، އިހުމާޅުވި ވެރިންނަށް ފިޔަވަޅު އެޅުމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ގޮވާލައްވައިފި އެވެ.

ފީފާއިން އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީ އެކުލަވާލުމުން މެންބަރުންނަށް މަރުޙަބާ ދަންނަވަމުން އެކްސްގައި ތޯރިގް ވަނީ އެފްއޭއެމްގެ ހާލަތު ފެންނަ ފޮޓޯތަކެއް ހިއްސާކުރައްވާފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެފްއޭއެމްގެ އިމާރާތް ވަނީ ހަލާކުވެ ސުންނާފަތިވެފަ އެވެ.

މިކަމާ ގުޅިގެން ތޯރިގް ވަނީ އެފްއޭއެމް ހިންގަންތިބި ވެރިން ވެފައިވާ އިހުމާލުތައް ބަލާ ފިޔަވަޅު އެޅެންވާނެކަމަށް ވިދާޅުވެފަ އެވެ.

އެފްއޭއެމްގެ ހާލަތު -- ފޮޓޯ: މެންބަރު އަހުމަދު ތޯރިގް

"ދެރައީ އަދިވެސް އިންތިޚާބަކަށް އިއުލާން ކުރުމާއެކު ވާދަކުރަނީ ބައްސާމުއާއި އޭނާގެ އެކްސްކޯގައި ތިބި ފަރާތްތައް. ހިތާމައިގެ ކޮޅެއްނެތް" އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްގެ ހާލަތު -- ފޮޓޯ: މެންބަރު އަހުމަދު ތޯރިގް

ބޮއްސުންލާފައިވާ އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ފީފާ އިން ނިންމާ ހޯމަ ދުވަހު ވަނީ ކޮމިޓީ އެކުލަވާލާފަ އެވެ. ކޮމިޓީގެ ޗެއާރމަންކަމަށް ހަމަޖެއްސީ ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު ޒުހޫރު އެވެ.

ޖުލައި މަހު ދެވަނަ ދުވަހު ވަނީ އެފްއޭއެމްގައި އެންމެ ފަހުން އޮތް އެކްސްކޯގެ ދައުރު ހަމަވެފަ އެވެ. އެ އެކްސްކޯއާ މެދު ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު، އޭރު ރައީސަކަށް ހުރި ބައްސާމް އަދީލް ޖަލީލް ވަނީ ފީފާއިން ނުވަ މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.

އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވުމާއި މަނީލޮންޑަރިންގެ ދައުވާ ބައްސާމްގެ މައްޗަށް ވަނީ އުފުލާފަ އެވެ.