ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލަން އެ ބޭންކުގެ ބޯޑުން ނިންމައިފި އެވެ.

ބީއެމްއެލްގެ އޮފިޝަލަކު ވަނީ "ހުރިހާ"އަށް އެކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު ރަސްމީކޮށް އެ ބޭންކުން މިކަން ހާމަކޮށްފައެއް ނުވެ އެވެ.

އެ އޮފިޝަލް ވިދާޅުވީ ބީއެމްއެލްގެ ބޯޑުގެ ނިންމުން ވަރަށް އަވަހަށް ތަންފީޒުކުރަން ފަށާނެ ކަމަށެވެ. ނަމަވެސް އެކަން ތަންފީޒުކުރަން ފަށާނެ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ބޭންކުގެ ބޯޑުން އެކަން ނިންމާފައިވާތާ ދުވަސްކޮޅެއް ވެއްޖެ. ނަމަވެސް ސަރުކާރުގެ އެދުމުގެ މަތިން އެކަން ނުކޮށް މަޑުޖައްސާލާފައި އޮތީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑޮލަރު ލިބުން ބޭންކަށް އިންތިހާއަށް މަދުވުމުން ކާޑުތަކުން ބޭރުގައި މުއާމަލާތް ނުކުރެވޭ ގޮތް ހެދުމަށް މަޖުބޫރުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެކަން ތަންފީޒުކުރަން ނިންމިއިރަށް ސަރުކާރުން ބުނާނެ ތިމަންނަމެން ތިކަން ހަމަޖައްސައިދޭނަމޭ. ވަގުތުކޮޅެއް ދޭށޭ. އެހެން ކިޔައިގެން އެ ހިފަހައްޓަނީ،" އެ އޮފިޝަލް ވިދާޅުވި އެވެ. "މިހާރު މިކަން ވަރަށް އަވަހަށް ހުއްޓާލާނެ."

ރާއްޖޭގައި ޑޮލަރުގެ އަގު އިންތިހާ ދަރަޖައަށް އަންނަނީ އުފުލެމުންނެވެ. ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ހުރީ 18.40 ގަ އެވެ.

މިފަދަ ނިންމުމެއް ނިންމަންޖެހިދާނެ ކަމުގެ އިޝާރާތެއް ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކެ ވެސް ވަނީ މީގެ ކުރިން ދެއްވާފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ވިއްކާ އަދަދަށް ވުރެ ޑޮލަރު ގަންނަން ލިބޭ އަދަދު މަދުވުމުގެ ސަބަބުން "އުނދަގޫ ނިންމުންތަކެއް" ނިންމަން ޖެހިދާނެ ކަމަށެވެ.

އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި އޭނާ ވިދާޅުވެފައި ވަނީ މިދިޔަ އަހަރު ވެސް އެ ބޭންކަށް ގަންނަން ލިބުނު އަދަދަށް ވުރެ އިތުރަށް 333 މިލިއަން ޑޮލަރު ވިއްކި ކަމަށެވެ.

ބީއެމްއެލްގެ ބޯޑުގެ މި ނިންމުން ތަންފީޒު ކުރަން ފެށުމުން ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނާއި ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ވަރަށް ބޮޑު ދަތިތަކާ ކުރިމަތިލާން ޖެހޭނެ އެވެ.