ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލަން މިއަދު ނިންމި ނިންމުމަކީ ރައީސް މުހައްމަދު މުއިއްޒުގެ އެންގުމާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ސަރުކާރުން ބުނެފި އެވެ.

ބީއެމްއެލްއިން މިއަދު ހެނދުނު އާންމުކުރި ބަޔާނެއްގައި ބުނީ ޑެބިޓް ކާޑްތަކުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ މުއާމަލާތްތަކަށް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ މުއާމަލާތްތަކަށް ވެސް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށް ބުންޏެވެ. އަދި މިހާރު ދޫކޮށްފައިވާ ސްޓޭންޑާޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ރާއްޖެ އިން ބޭރުން ކުރެވޭ މުއާމަލާތް 100 ޑޮލަރަށް ވަނީ ދަށްކޮށްފަ އެވެ.

ބީއެމްއެލް އިން ނިންމުމާއެކު އާއްމުން ވަނީ ރަތަށް އަރައިފަ އެވެ. އަދި އެ ނިންމުން ބަލައިނުގަންނަ ކަމަށް ބުނެ އެތައް ބަޔަކު ދިޔައީ ސަރުކާރަށް ޕްރެޝާކުރަމުންނެވެ. ނަމަވެސް ބީއެމްއެލް އިން މިއަދު ހަވީރު ވަނީ ކާޑު ލިމިޓަށް ގެނައި ބަދަލުތައް އުވާލާފައިވާކަން ހާމަކޮށްފަ އެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިއަދު ބީއެމްއެލްއިން ނިންމި ނިންމުމަކީ ސަރުކާޜުން ބޭނުންވެގެން ނިންމި ނިންމުމެއް ނޫން ކަމަށެވެ. އަދި ޑޮލަރު މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ދިޔައީ ބީއެމްއެލްއާއެކު މަޝްވަރާ ކުރަމުން ކަމަށް ވެސް މިނިސްޓަރު ސައީދު ފާހަގަކުރެއްވި އެވެ.

"ސީދާ ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބަލަމުން އައި ކަމެއް. ކާޑުގެ ލިމިޓޭޝަން ގެނައި އިރު އެންމެ އެކަށީގެންވާ ގޮތަކަށް ނޫން އެކަން ކުރެވިގެން ދިޔައީ. ރާއްޖޭން ބޭރުގައި ކިޔަވާ ކުދިން އެބަތިބި. ޑޮލަރުން މުއާމަލާތް ކުރާ ކުދި ވިޔަފާރިތައް އެބަހުރި،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ސައީދު ވަނީ މިއަދު މިކަން ނިމިގެންދިޔައީ އިހު އޮތް ގޮތަށް ކަމަށާއި މިހާރު ދެން ކަންކަން ކުރިއަށް ގެންދާނީ ބީއެމްއެލް އާއި އެމްއެމްއޭ ވާހަކަ ދައްކައިގެން، ބީއެމްއެލް އިން ބޭނުންވާ ކަންކަން ބަލައި އެކަމުގައި އެހީތެރިވެވޭނެ ގޮތަކަށް ކަމަށްވެސް ވިދާޅުވެފަ އެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވިދާޅުވި ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް މިދިޔަ ޑިސެމްބަރާއި މާޗް އަދި ޖޫން މަހުގައި ވެސް މުހިއްމު ބައްދަލުވުންތަކެއް ބޭއްވި ކަމަށެވެ. އެ މަޝްވަރާތަކާ އެއްގޮތަށް، ބީއެމްއެލްއަށް ޑޮލަރުގެ ސަޕޯޓު ދިނުމަށްޓަކައި މަސައްކަތްތައް ކުރާނެ ކަމަށާއި ޑޮލަރުގެ ތާށިކަން އެހާ ބޮޑަށް ދަށްވީ، ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ ދައުލަތަށް ޑޮލަރު މަދުން ވަންނަ ދުވަސްކޮޅަކަށްވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޕްރިންޓް ކުރުމުން ޑޮލަރަށް އޮތް ޑިމާންޑު އިތުރަށް ވަރުގަދަވޭ. އެއީ އަސްލު ޑޮލަރަށް އެހާ ބޮޑު ޑިމާންޑެއް އައި ސަބަބަކީ. މިހާރު ޑޮލަރު އާމްދަނީ ލިބޭ ދާއިރާތަކުން އިތުރަށް އިންފްލޯއެއް ހޯދުމަށް މަސައްކަތް ކުރަނީ،" ޝަފީގު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބަންޑާރަ ނައިބު، އަހުމަދު އުޝާމް ވިދާޅުވީ ބީއެމްއެލްއިން މިއަދުގެ ނިންމުން ނިންމުމުގެ ކުރިން ސަރުކާރުގެ އިކޮނޮމިކް ކައުންސިލާ ވެސް ބައްދަލު ކުރި ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުގައި ވެސް މިއަދު ބީއެމްއެލުން ނިންމި ގޮތަށް ނިންމަން ލަފަޔެއް ނުދޭ ކަމަށް އުޝާމް ވިދާޅުވި އެވެ.