ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ޖާސޫސްކޮށްދީގެން ރައީސް ޑރ. މުހައްމަދު މުއިއްޒު 14 މިލިއަން ރުފިޔާ ނެންގެވިކަމަށް ތުހުމަތުކޮށްފި އެެވެ.

މިރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގައި އިސްކޮށް އުޅުއްވާ އަހުމަދު ފަޔާޒު ވިދާޅުވީ ޤާނޫނީ ގޮތުން ހޮވިފައި އޮތް ސަރުކާރެއް ވައްޓާލަން، ދައުލަތުގެ ސިއްރު ހިފަހައްޓާ މަގާމެއްގައި ހުރެ ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މުއިއްޒު ފައިސާ ނަންގަވަމުންގެންދެވިކަމަށެވެ. އެގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް އާއި ރައީސް މުއިއްޒު އާ ދެބޭފުޅުން ބަދަލުކުރެވުނު މެސެޖުތަކުން ރައީސް މުއިއްޒަށް 14 މިލިއަން ރުފިޔާ އާންމު މީހަކު މެދުވެރިކޮށް ދީފައިވާކަން އެނގޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެ ތުހުމަތާ ގުޅިގެން ޕީއެންސީގެ ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު އަދީބު އަތުން ފައިސާ ނެގި ކަމަށް ބުނެ އާންމުވި ރިޕޯޓަކީ ސައްހަ އެއްޗެއް ނޫން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި އަދީބުގެ އަތުން ފައިސާ ނެގި އެންމެނަށް ލިބުނީ އެމްއެމްޕީއާރްސީގެ ފައިސާ ނޫން ކަމަށާއި ޑޮލަރު މާރުކުރަން ދިން ފައިސާ ވެސް އޭގެތެރޭގައި ހިމެނޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ވާހަކަތަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވީ 14 މިލިއަން ރުފިޔާއަކީ އެމްއެމްޕީއާރްސީ ފައިސާ ނޫނޭ މުއިއްޒު ވިދާޅުވީ ކަމަށެވެ. އެހެންކަމުން އަދީބު އަތުގައި ހުރި ފައިސާއިން އެމްއެމްޕީއާރްސީ ފައިސާ އަކީ ކޮބައިކަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށް ޔާމީން ވިދާޅުވި އެެވެ.

ރައީސް މުއިއްޒު އަދީބު އަތުން ފައިސާ ނެންގެވި ވާހަކައަކީ ތެދެއްކަމަށް ވަކާލާތުކުރައްވައި ޔާމީން ވިދާޅުވީ އެއީ ކަނޑައެޅިގެން ރިޝްވަތު ކަމަށާއި އެ ފައިސާ މަނީ ލޯންޑަރިންގެ ތެރެއަށް ނުފެތޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.