ރައީސް މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވައިގެން ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް (ސިނަމާލެ) ބްރިޖުގެ އެއް ލޭނު މަދުކުރެއްވި މައްސަލަގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރައީސް އަށް ކީރިތިކުރެއްވެންދެން "ބަވާލި" ކަމަށް މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެޅި ބްރިޖުގެ ފުރަތަމަ ކުރެހުން ދެއްކިއިރު ހުރި ބައެއް ލޭނު ބްރިޖް ހުޅުވަން ނިންމިއިރު މަދުވުމުގެ ސަބަބުން އޭރު އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ.

ސަންގު ޓީވީން ރޭ ގެނެސްދިން އަބްދުއްރަހީމްގެ ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ބްރިޖްގެ ލޭނު މަދުކުރި މައްސަލައިގައި ރައީސް ޔާމީން މުއިއްޒުއަށް ބަވާލީ ޕާޓީ އޮފީހުގައި ކެބިނެޓް ވަޒީރުންނާއި ބައްދަލުކުރެއްވި ރެއެއްގައި ކަމަށެވެ. އެގޮތުން ރައީސް މުއިއްޒު ކީރިތި ކުރައްވަންދެން ރައީސް ޔާމީން "ބަވާލި" ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ބްރުޖުގެ ލޭނެއް މަދުކުރެއްވި ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދެއްކެވުމަށްފަހު، އަބްދުއްރަހީމް ވަނީ ލޭނު މަދުކުރެއްވީ ރައީސް މުއިއްޒުކަމަށް ގަބޫލު ނުކުރެއްވޭކަމަށް ވިދާޅުވެފަ އެވެ. ކުރިން ވެސް ރައީސް ޔާމީންއަށް ލޭނު މަދުވާކަން އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ބްރިޖްގެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ އޭރުގެ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން އަބަދުވެސް ރައީސް މުއިއްޒުއާ ދޭތެރޭގައި ހިތްހަމަނުޖެހުން އޮތްކަމަށާއި ތިން ފަހަރެއްގެ މަތިން ހައުސިން މިނިސްޓަރުގެ މަގާމުން ވަކިކުރަން އުޅުއްވި ކަމަށެވެ.

ރޭގެ އިންޓަވިއުގައި އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ރައީސް ޔާމީންއަށް ފާޑުވިދާޅުވެ ވަރަށް ހުތުރުކޮށް ވާހަކަދައްކަވާފަ އެވެ. ޔާމީނަކީ ބޮޑާ ކިބުރުވެރި، ކަންނެތް ބޭފުޅެއްކަމަށް ވިދާޅުވެ، ހިޔާނާތުގެ ތުހުމަތުތައް ވެސް ކުރެއްވި އެވެ.

އަބްދުއްރަހީމަކީ ވަރަށް އާދައިގެ ދިރިއުޅުއްވުމަކުން މާލެ ވަޑައިގެން ރައީސް މައުމޫން އަރިހުގައި ސިޔާސީ މަސައްކަތުގައި އުޅުއްވުމަށްފަހު، ރައީސް މައުމޫންއަށް ހިޔާނާތްތެރިވެ ވަރަށް ހުތުރުކޮށް އެއްޗެއްހި ކިޔުއްވުމަށްފަހު، ރައީސް ޔާމީންގެ ވެރިކަން ދިފާއުކުރައްވާ ރައީސް ޔާމީންގެ ހައްގުގައި ޖަލުގައި އޮންނަވަން ވެސް ތައްޔާރަށް ހުއްނެވިކަމަށް ވިދާޅުވި ބޭފުޅެކެވެ. ނަމަވެސް މިހާރު ރައީސް ޔާމީން ވަރުގެ ގޯސް ބޭފުޅަކު ނެތްކަމަށް ވާހަކަ ދައްކަވަމުން ދާއިރު އަބްދުއްރަހީމް ރައީސް މުއިއްޒުއަށް އިހްލާސްތެރިވާނެކަމާ މެދު ގިނަބަޔަކު ސުވާލު އުފައްދަ އެވެ.