މާލެ ދޫކޮށް ފިލަން ކުޅުދުއްފުއްޓަށް ދިޔަ، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންތަކެއް އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދިއުމާ ގުޅިގެން، މިއަދު ލިބުނު މަޢުލޫމާތަކާއެކު ކުޅުދުއްފުއްޓަށް ދިޔަ ބޯޓެއްގައި ތިބި ބިދޭސީން ވަނީ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޕޮލިސް އަދި އިމިގްރޭޝަން ގުޅިގެންނެެވެ. އެގޮތުުން، މި ބޯޓުގައި ދަތުރުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި ނުވަ މީހުނަށް ނޯޓިސްދީ އިމިގްރޭޝަނަށް ހާޒިރުވުމަށް ވަނީ އަންގާފައި ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މީގެ އިތުރުން ބޯޓުގެ ކެޕްޓަނަށް ލިޔުމުން ވަނީ ނަސޭހަތްދީފަ އެވެ. މި އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އިމިގްރޭޝަން ގާނޫނުގެ ދަށުން މިފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

ރާއްޖޭގައި ގާނޫނާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ސަރުކާރުން ފުޅާ ދާއިރާއެއްގައި އަންނަނީ މިދުވަސްވަރު މަސައްކަތްތަކެއް ކުރަމުންނެވެ. މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަންގެ އިތުރުން، "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި އިތުރު އޮޕަރޭޝަނެއް އިމިގްރޭޝަނުން ވަނީ ފަށާފަ އެވެ.