އިޒްރޭލުގެ ދާރުލްއާސާރެއްގައި ބަހައްޓާފައިހުރި 3500 އަހަރު ވެފައިވާ އާސާރެއް ހަލާކު ކޮށްލި ކުޑަ ކުއްޖަކަށް އެ ދާރުލްއާސާރުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އުމުރުން ހަތަރު އަހަރުގެ އެރިއަލް ގެލާގެ އަތުން ނޭނގުމެއްގެ ތެރޭގައި އެ ގުޅި ހަލާކުވީ އާއިލާއާއެކު ދާރުލް އާސާރަށް ކުރި ޒިއާރަތެއްގެ ތެރެއިންނެވެ. އޭރިއަލްގެ އަތުން ޖެހި އެ ގުޅި ވެއްޓުމާއެކު ގުޅި ތަޅައިގެން ދިޔައީ އެވެ.

މިފަދަ ތާރީހީ އަގުބޮޑު ތަކެއްޗަށް ގެއްލުން ދިނުމަކީ އާއްމު ގޮތެއްގައި ގާނޫނީ އަދަބުތަކާއި ޖޫރިމަނާތައް ކުރިމަތިވާ ކަމެއް ނަމަވެސް ދާރުލްއާސާރުން ވަނީ އެރިއަލްއަށް މައާފު ކޮށްފަ އެވެ.

އެއާއެކު އެ ދާރުލްއާސާރަށް އަނބުރާ އައުމަށް ހާއްސަ ދައުވަތެއް އަރުވައި އޭނާގެ އަތުން ހަލާކުވި ގުޅި މަރާމާތު ކުރަން އެހީވާން ދާރުލްއާސާރުން އެރިއަލްއަށް ފުރުސަތު ދިނެވެ.

އެރިއަލް އަތުން ގުޅި ހަލާކުވުމުން މާހިރުންގެ އެހީއާއެކު އޭގެ ބައިތައް އެއްކޮށް ގުޅުވައި އަލުން އެ ދާރުލްއާސާރުގައި ވަނީ ބަހައްޓާފަ އެވެ.

މި ހާދިސާއާ ގުޅިގެން އެރިއަލްގެ މައިންބަފައިން ބުނެފައިވަނީ އެރިއަލްއަކީ އަބަދުވެސް ހަލަނި ކުއްޖެއް ކަމަށާއި އޭނާގެ އަތުން އެކަހަލަ ގެއްލުމެއް ލިބުނީތީ ލަދުވެތިވާ ކަމަށެވެ.

ހެކްޓް މިއުޒިއަމްގައި ބަހައްޓާފައިވާ އެ ގުޅިއަކީ އެ ދާރުލްއާސާރުގައި ހުރި 2200 ބީސީގެ އަހަރުތަކަށް ތާރީހުވާ ގިނަ އާސާރުތަކެއްގެ ތެރެއިން އެއްޗެކެވެ.