މިދިޔަ މަހު މުޅި ދުނިޔެ ސިއްސުވާލި އެއް ހަބަރަކީ އިޓަލީގެ ސިސިލީ ނަމަކަށް ކިޔާ ސަރަހައްދުގެ އައްސޭރިފަށުން ދަތުރުކުރި ލަގްޒަރީ ޔޮޓެއް އަޑިއަށް ދިޔަ ހަބަރެވެ.

އިނގިރޭސި ވިލާތުގެ ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ ބިލިއަނަރެއް ކަމަށްވާ މައިކް ލިންޗްއާއި އޭނާގެ އާއިލާ އަދި ބައެއް ރައްޓެހިން ދަތުރުކުރި އެ ޔޮޓް އަޑިއަށް ދިޔައީ މޫސުން ގޯސްވެ ތޫފާނެއްގައި ޖެހިގެން ކަމަށް ބުނެވެ އެވެ.

އެ ޔޮޓްގައި މައިކްގެ އތުރުން ބައިވެރިވި މީހުންގެ ތެރޭގައި ދެމަފިރިން ކަމަށްވާ ކްރިސްޓޮފާ މޯވިލްއާއި ނޭޑާ ވެސް ހިމެނެ އެވެ. އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުގައި އެ ދެމަފިރިންގެ އެންމެ ފަހު ވަގުތުތައް ވެސް ހޭދަކުރީ އެކީގަ އެވެ.

އެ ދެމީހުންގެ އޮޓޯޕްސީ ހަދާފައިވާއިރު ކްރިސްއާއި ނެޑާ މަރުވީ ގެނބިގެން ނޫންކަން އޭގެ ނަތީޖާތަކުން އެނގެ އެވެ. އެހެން ނަމަވެސް ސީދާ މަރުގެ ސަބަބެއް ވެސް ނަތީޖާތަކުން އެނގިފައެއް ނުވެ އެވެ.

މިއިން އެނގެނީ އެދެމީހުން އެންމެ ފަހު ވަގުތުތައް ވެސް ހޭދަކުރީ އެކުގައިކަން ކަމަށް އިޓަލީގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.

މައިކްއާއި އޭނާގެ ބައިވެރިން ޔޮޓް ދަތުރެއް ފެށީ ގާނޫނީ މައްސަލައަކުން މައިކް ސަލާމަތްވުމުން އެކަން ފާހަގަ ކުރާށެވެ. ކްރިސްއަކީ އޭނާގެ ވަކީލެވެ.

ޔޮޓް ބަންޑުން ޖަހާލުމުގެ ހާދިސާގައި ޖުމްލަ ފަސް މީހުން މަރުވިއިރު ހާދިސާގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ހަބަރުތައް ބުނެ އެވެ.