ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފިރިހެނުންނާއި ސަލާމް ކުރެއްވުމުގައި އެކި ފަހަރު އެކި ގޮތަށް ގެންގުޅުއްވާ އުސޫލުގެ ސަބަބުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފާހަގަކުރެއްވުނު ކަމެއް ވިދާޅުވުމުން އެމަނިކުފާނު ގޯސްވެއްޖެ އެވެ.

ރައީސް މައުމޫން އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހިވަންތަކަމަށްޓަކައި ފަހުރުވެރިވާން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ފެނުމުން ވަރަށް އުފާވި ކަމަށާއި ހަމަ އެއާއެކު ވަރަށް ގިނަ ފިރިހެން ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ސަލާމް ނުކުރެއްވިތަން ފެނުމުން ވަރަށް ދެރަވި ކަމަށެވެ.

މި ޕޯސްޓާއެކު ދީނީ ކާޑު ގެންގުޅުއްވާ ބޭފުޅުން ވަގުތުން ރަތްކާޑު ނަގާ ރައީސް މައުމޫނަށް ދެއްކި އެވެ. މިއާއެކު ގިނަ ބަޔަކު އިސްލާމް ދީނުގައި އަންހެނުންނާއި ފިރިހެނުން އަތާއި އަތް ޖޯޑުކޮށް ސަލާމްކުރުން ހުއްދަ ނޫންކަން ރައީސް މައުމޫނަށް ބުނެދިނެވެ.

މިކަމުގައި ޖެހިގެން އުޅޭ މައްސަލައަކީ ދީނުގައި އޮންނަ ގޮތެއް ނޫނެވެ. މިކަމުގައި އޮތީ ފަސްޓް ލޭޑީ ސާޖިދާ ފިރިހެނުންނާ ސަލާމް ކުރެއްވުމުގައި އިސްލާމްދީނުގައި އޮންނަ ގޮތަށް އަމަލުކުރައްވަނީ ބައެއް ފަހަރުކަމަށްވާތީ އެވެ. ބައެއް ހަފްލާތަކުގައި ފިރިހެނުންނާ ސަލާމް ކުރައްވާފައި އަނެއްބައި ފަހަރު ސަލާމް ނުކުރެއްވުމެވެ.

ކުރީގެ އެތައް ހަފްލާއެއްގައި ސާޖިދާ ފިރިހެން ބޭފުޅުންނާ ސަލާމްކުރައްވާ މަންޒަރު ފެނިފައިވެ އެވެ. އެހެންކަމުން އެކިފަހަރު އެކި ގޮތަށް މިކަމުގައި ގެންގުޅުއްވާ އުސޫލު ގެންގުޅުއްވުމުން ސަލާމްކުރަން ދާ ރައްޔިތުންނަށް ވެސް އޮޅުމަކީ އެކަށީގެންވާ ކަމެކެވެ.

ރައީސް މައުމޫން ފަދަ ކުރީގައި ވެރިކަން ކުރައްވާފައިވާ ބޭފުޅަކަށް މިކަން މައްސަލައެއްކަމަށް ފެނިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަކީ ފިރިހެނުންނާ ވެސް ސަލާމް ކުރައްވާ އުޅުއްވާ ބޭފުޅަކަށްވެފައި އެތަނަށް ވަޑައިގެންނެވި ބައެއް ފިރިހެން ބޭފުޅުން ސަލާމް ނުކުރެއްވުމަކީ އެކަމަނާއަށް އިހްތިރާމް ކުޑަކުރެއްވުން ކަމަށް ފެނިވަޑައިގަތީކަމުގައި ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ދީނުގައި އޮންނަ ގޮތަށް ފުރިހަމައަށް އަމަލު ކުރައްވާނަމަ އެއީ ހުރިހާ ރައްޔިތުން ވެސް ބަލައިގަންނާނެ ރިވެތި ސިފައެއްކަމަށް ވާނެ އެވެ. އެކަމުގައި އިތުރު ބަހުސަކަށް ދާންޖެހޭނެ ހާލަތެއްގައި ވެސް ނޯންނާނެ އެވެ. ނަމަވެސް މިފަދަ ކަންކަމުގައި އެކިފަހަރު އެކި ގޮތަށް އަމަލުކުރެއްވުމުން އެއީ ދީނީގޮތުން އެކަމަށް ބެއްލެވީކަމުގައި ރައްޔިތުންނަށް ގަބޫލުކުރަން ދަތިވާނެ އެވެ.