އުމުރުން 32 އަހަރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބަތަލާ ސެލީނާ ގޮމޭޒް 1.3 ބިލިއަން ޑޮލަރުގެ މިލްކިއްޔާތާއެކު މަޝްހޫރު ތަރިންގެ ބިލިއަނަރު ލިސްޓަށް އަރައިފި އެވެ.

އޭނާގެ މިލްކިއްޔާތުގެ ބޮޑު ބަޔަކީ މީގެ ފަސް އަހަރުކުރިން އޭނާ ފެށި "ރެއާ ބިއުޓީ" މޭކަޕް ކޮމްޕެނީގެ ފައިދާ އެވެ. މިކާމިޔާބާ އެކު އޭނާ މިވަނީ އެންމެ ޒުވާން ކާމިޔާބު އަންހެނުންގެ ތެރޭގައި ހިމެނިފަ އެވެ.

"ރެއާ ބިއުޓީ" މަޝްހޫރުވެފައި ވަނީ ގިނަ ބަޔަކަށް ކަމުދާ ލިކުއިޑް ބްލަޝްއާ ލިޕް ޓިންޓް ފަދަ ޕްރޮޑްތަކެއް ވިއްކާ ކުންފުންޏެއްގެ ގޮތުގަ އެވެ. ސޯޝަލް މީޑިއާގައި ވައިރަލްވި އެ ކުންފުނިން ވަނީ ފެބްރުއަރީ މަހާ ހަމައަށް ބާރަ މަސްތެރޭގައި 400 މިލިއަން ޑޮލަރުގެ ފައިދާ ހޯދާފަ އެވެ.

މީގެ އިތުރުން އޭނާ ކުޅޭ އެމީއަށް ނޮމިނޭޓްވި ސީރީސް "އޮންލީ މާޑާސް އިން ދަ ބިލްޑިންގް" ގެ ކޮންމެ ސީޒަންއަކުން އޭނާއަށް ހަ މިލިއަން ޑޮލަރު ލިބޭކަމަށްވެ އެވެ. ދާދިފަހުން ވަނީ އެ ސީރީޒްގެ ފަސްވަނަ ސީޒަން ރިލީސްކޮށްފަ އެވެ.

މިދިޔަ އަހަރު އިންސްޓަގްރާމްގެ އެންމެ ގިނަ މީހުން ފޮލޯކުރާ އަންހެނަކީ ސެލީނާ އެވެ. އޭނާގެ 424 މިލިއަން ފޮލޯވަރުން ތިބެ އެވެ.