ޗައިނާގައި އޮފް ނުނަގާ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި މީހަކު މަރުވެއްޖެ އެވެ.

އުމުރުން 30 އަހަރުގެ އެ މީހާ މަރުވީ ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް ފެއިލް ވެގެންކަމަށް ރިޕޯޓްތައް ބުނެ އެވެ.

އޭނާ މަރުވެފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. ޒުވާނާގެ ކުއްލި މަރާއި ގުޅިގެން އޭނާގެ އާއިލާއިން އޭނާ މަސައްކަތް ކުރި ކުންފުންޏާ ދެކޮޅަށް އެ މައްސަލަ ކޯޓަށް ހުށަހަޅި އެވެ. އެކަމާ ގުޅިގެން ކޯޓުން މިހަފްތާ ތެރޭގައި ނިންމާފައި ވަނީ އެ އާއިލާއިން ދައުވާކުރި ގޮތަށް، އޭނާ މަރުވީ މާ ބުރަކޮށް މަސައްކަތް ކުރުމުން ކަމަށެވެ.

ކުލަ ލާ މީހެއްގެ ގޮތުގައި މަސައްކަތް ކުރި އަބާއޯ ނަމަކަށް ކިޔާ އެ މިހާ މަސައްކަތް ކޮށްފައިވަނީ ކުންފުންޏަކާއެކު ހެދި އެގްރީމެންޓެއްގެ ދަށުންނެވެ. އޭނާ ޕްރޮޖެކްޓަކަށް މަސައްކަތް ފަށައި، ވަރަށް ބުރަކޮށް 104 ދުވަހު މަސައްކަތްކުރި އިރު، އޮފް ނަގާ ރެސްޓްކޮށްފައި ވަނީ އެންމެ ދުވަހަކު އެވެ.

އޭނާގެ އާއިލާގެ ތުހުމަތުތަކަށް ރައްދުދެމުން އެ ކުންފުނިން ބުނީ އަބާއޯ މަސައްކަތް ކުރުމަށް ހަމަޖައްސާފައިވާ ވަގުތުތަކަކީ އެކަށީގެންވާ ވަގުތު ކަމަށާއި އޭގެ އިތުރަށް އޭނާ މަސައްކަތްކުރީ އަމިއްލަ އިހްތިޔާރުގައި ކަމަށެވެ.

އެ މައްސަލައިގައި ޗައިނާ ކޯޓުން އާއިލާއާ އެއްކޮޅަށް މައްސަލަ ނިންމާފައިވާއިރު، ކުންފުނިން އާއިލާއަށް ބަދަލު ދިނުމަށް ވެސް ވަނީ އަންގާފަ އެވެ.

ކޯޓުން ބުނީ އަބާއޯ ބުރަކޮށް އުޅުމުގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެ، ހަށިގަނޑުގެ އޯގަންތައް ފެއިލްވުމަށް މެދުވެރިވީކަމަށް ބެލެވިދާނެ ކަމަށެވެ. މީގެ އިތުރުން ޖެހިޖެހިގެން 104 ދުވަހު 8 ގަޑިއިރަށް ވުރެ ގިނަ އިރު މަސައްކަތް ކުރުވުމަކީ އެ ގައުމުގެ ވަޒީފާއާބެހޭ ގާނޫނާ ހިލާފުކަމެއް ކަމަށެވެ.