ހ. ދޫހިމެރިގޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި 57 މީހަކު ހާލުގައި ޖެހުނުކަމަށް މޯލްޑިވްސް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ހާލުގައި ޖެހުނު މީހުންގެ ތެރޭގައި 37 ދިވެހިންނާއި 20 ބިދޭސީން ހިމެނޭކަމަށް އެ އޮތޯރިޓީން ހާމަކުރި އެވެ.

އެމީހުންނަށް އިންސާނީ އެހީތެރިކަން ދީފައިވާކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.

އެ ހާދިސާގައި އަލިފާން ރޯވީ ދޫހިމެރިގޭގައި، ގާމަގު ކެފޭގެ ނަމުގައި ހިންގަމުން އައި ކެފޭއެއްގަ އެވެ.

ގާމަގު ކެފޭގައި ރޯވިއިރު އެތަނުގެ މަތީގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެ އެވެ. އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލީ އަލިފާނުގެ ރިޕޯޓު ލިބުނުތާ ގަޑިއިރެއްހާއިރު ފަހުން އިއްޔެ މެންދުރު ފަހު 3:30 ހާއިރު ކަމަށް ސިފައިން ބުނެފައިވެ އެވެ.

މެންދުރު ރޯވި އަލިފާނުގެ ހާދިސާގައި ދިވެހި އަންހެނަކާއި ބިދޭސީ އަންހެނަކަށް ވަނީ އޭޑީކޭއަށް ގެންގޮސް ފަރުވާދީފަ އެވެ. އެ ދެމީހުން ވެސް ވަނީ ފަރުވާއަށްފަހު މިހާރު ދޫކޮށްލާފަ އެވެ.