ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް ދާ ބުރިޖު ކައިރީ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއްގައި ހިނގައިފި އެވެ.

މިއަދު ހިނގި މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް ވަނީ އަނިޔާވެފަ އެވެ.

ފުލުހުން ބުނީ، ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވައިދޭ ބުރިޖު ކައިރީ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާގެ ގައިގެ ބައެއް ތަންތަން ހަން މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އިތުރު އަނިޔާއެއް ލިބުނު ކަމަކަށް ނުބުނެ އެވެ.

އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންކަމަށް ބުންޏެވެ.

މާލެ ސަރަހައްދުގައި މި ދުވަސްވަރު އެކްސިޑެންޓްތައް ވަނީ އިތުރުވެފަ އެވެ. މިކަމާއި ގުޅިގެން ފުލުހުން ދަނީ މަގުތަކުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

މި އަހަރުގެ މިހާތަނަށް 1،933 އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކަ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެއްކަން ފާހަގަކޮށްލެވެ އެވެ.