އަންނަ އޮކްޓޯބަރު މަހު އިންޑިއާގެ ބޮކްސް އޮފީހުގައި ކާތިކް އާރްޔަންއާއި އަޖޭ ދޭވްގަންގެ ވަރުގަދަ ކުރިމަތިލުމެއް ފެނިދާނެ ކަމަށް ބެލެވިއްޖެ އެވެ.

އޮކްޓޯބަރު މަހު އިންޑިއާގައި ފާހަގަކުރާ "ދިވާލީ"އާ ދިމާކޮށް އަޖޭގެ "ސިންގަމް އަގެއިން"އާއި ކާތިކްގެ "ބޫލް ބުލައްޔާ 3" ރިލީޒް ކުރާނެ އެވެ.

މި ކުރިމަތިލުމުން ރެކުމަށްޓަކައި ރޯހިތު ޝެޓީގެ "ސިންގަމް އަގެއިން" ރިލީޒްކުރާ ތާރީހު ފަސްކުރަން އުޅޭކަމަށް އަޑުތައް ފެތުރުނު ނަމަވެސް އެއީ ދޮގެއްކަން އެ ޓީމުން ވަނީ އިއުލާން ކޮށްފަ އެވެ.

އެހެން ކަމުން ސިނަމާގައި އެއްފަހަރާ އެ ދެ ފިލްމު ދައްކާއިރު އާމްދަނީގެ ގޮތުން އެންމެ ކާމިޔާބު ފިލްމަށް ވުމަށްޓަކައި ދެ ފިލްމުގެ ދެމެދުގައި ވަރުގަދަ ވާދަވެރިކަމެއް އުފެދޭނެ އެވެ.

އެއްބަޔަކު އަޖޭގެ "ކޮޕް ޔުނިވާސް" ފިލްމު ކުރިހޯދާނެ ކަމަށް ގަބޫލުކުރާއިރު އަނެއްބަޔަކު ބުނާ ގޮތުގައި ބޮކްސް އޮފީހުގެ ރޭހުގެ އެއްވަނަ ހޯދާނީ ކާތިކްގެ "ހޮރޯ ކޮމެޑީ" އެވެ.

އަޖޭ ފެނިގެންދާ ސިންގަމްގެ ފިލްމުތަކަކީ ބެލުންތެރިންގެ މެދުގައި މަގުބޫލު ފިލްމުތަކެއް ނަމަވެސް ކާތިކްގެ "ބޫލް ބުލައްޔާ 2" ވެސް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދާފަ އެވެ.