ކީރިތި ގުރުއާނަކީ އެ ފޮތުގައި ހިދާޔަތުގެ ނޫރެއް އެކުލެވިގެންވާ ފޮތެކެވެ. އެ ފޮތް ހިތުން ދަސްކޮށް ހިފްޒު ކުރާ މުސްލިމުން ދުވަހަކަށްވުރެ ދުވަހެއް އަންނަނީ އިތުރު ވަމުންނެވެ.

މިފަހަރު މިއޮތީ އެފަދަ މުސްލިމެއްގެ ވާހަކަ އެވެ. ޕާކިސްތާނުގެ ފައިސަލްއާބާދަށް ނިސްބަތްވާ އުމުރުން އެންމެ 11 އަހަރުގެ ހަނިއާ ކާޝިފް މިވަނީ އެ ހަގު އުމުރުގައި ގުރުއާން ހިތުދަސްކޮށްފަ އެވެ.

ހާނިއާގެ އެ ކާމިޔާބީގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ އޭނާ ގުރުއާން އެއްކޮށް ހިތު ދަސްކޮށްފައިވަނީ ޖުމްލަ 34 ދުވަހުގެ މަސައްކަތުން ކަމެވެ.

https://www.instagram.com/inflics/p/C_xj8O3sqYz/

އެންމެ ކުޑައިރުއްސުރެ ވެސް ކީރިތި ގުރުއާން ކިޔެވުމަށް ލޯބިކުރާ ހަނިއާ ގުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ފަށާފައިވަނީ މި އަހަރުތެރޭގަ އެވެ. އޭގެ މަހެއްހާ ދުވަސް ފަހުން އޭނާ ވަނީ އެކަން ހާސިލް ކޮށްފަ އެވެ.

ހަނިއާގެ ބައްޕަ ކާޝިފް ރަންދާވާ ބުނީ ހަނީއާގެ މަސައްކަތާމެދު ފަހްރުވެރިވާ ކަމަށާއި އެއީ މާތް ﷲގެ ހެޔޮ ރަހްމަތްފުޅުން އޭނާގެ ދަރިފުޅަށް ދެއްވި ނަސީބެއް ކަމަށެވެ.

އެންމެ 34 ދުވަހުން ކީރިތި ގުރުއާން ހިތު ދަސްކޮށްފައިވާތީ ހަނިއާއަށް މުޅި ޕާކިސްތާނުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން އަންނަނީ ތައުރީފް ކުރަމުންނެވެ.

ކީރިތި ގުރުއާނަކީ ތުއްތު ކުދިންގެ ހިތް އަލިކޮށްދޭ ފޮތަކަށްވާއިރު ދިވެހި ކުޑަކުދިންގެ ހިތްތަކުގައި ވެސް ކީރިތި ގުރުއާނަށް ލޯބި ޖައްސުވަން ޖެހެ އެވެ.