ކޮވިޑް19 ވެކްސިންސް ގްލޯބަލް އެކްސެސް (ކޮވެކްސް)އިން ރާއްޖެއަށް 12،000 ޑޯޒްގެ ކޮވިޝީލް ވެކްސިން ހަދިޔާކޮށްފި އެވެ.

އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިންގެ 12،000 ޑޯޒް މިހާރު ރާއްޖެ ލިބިފައިވާކަން ޔުނިސެފުންވަނީ ޔަގީންކޮށްދީފަ އެވެ.

މިއީ ކޮވެކްސްއިން ރާއްޖެއަށް ވެކްސިން ފޯރުކޮށްދިން ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް މީގެކުރުން ކޮވެކްސްއިން ވަނީ ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖް ރާއްޖެއަށް ފޯރުކޮށްދީފަ އެވެ.

ކޮވެކްސްއަކީ މުއްސަނދި އަދި ފަގީރު ގައުމުތަކުގެ މެދުގައި ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު އެޗް އޯ) އާއި، ކޯލިޝަން ފޯރ އެޕިޑެމިކް ޕްރިޕެއާޑްނެސް އިނޮވޭޝަންސް (ސީއީޕީ) އާއި، ގްލޯބަލް އެލަޔަންސް ފޯރ ވެކްސިންސް އެންޑް އިމިއުނައިޒޭޝަން (ގަވީ) އަދި ޔުނިސެފުން ގުޅިގެން ފައްޓާފައިވާ އިނީޝިއޭޓިވް އެކެވެ.

އިއްޔެ ރާއްޖޭގައި 6،941 މީހުންނަށް ވެކްސިން ޖަހާފައިވާއިރު ރާއްޖޭގައި މިހާތަނަށް ޖުމްލަ 145،768 މީހުންނަށް ވެކްސިން ޖަހާފައިވެ އެވެ. މިއީގެ ދުނިޔޭގެ ގައުމުތަކަށް އާބާދީގެ ނިސްބަތުން ބޮޑު އަދަދެކެވެ.

ކޮވެކްސްއިން ރާއްޖެއަށް ހަދިޔާކުރި 12،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން

މިހާރު ރާއްޖޭގައި ބޭނުން ކުރަމުން އަންނަނީ އަވަށްޓެރި އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެެވެ. އެ ގައުމުން ވަނީ އެ ވެކްސިންގެ 200،000 ޑޯޒް ރާއްޖެއަށް ހަދިޔާ ކޮށްފަ އެވެ. މީގެއިތުރުން ޗައިނާ އިން އުފެއްދި ސައިނޯފާމް ވެކްސިންގެ ދެ ޑޯޒް ރާއްޖެއަށް ހަދިޔާ ކުރަން އެ ގައުމުން ވަނީ ނިންމާފަ އެވެ.