ދިވެހިބޭސްވެރިކަމާ ގުޅޭގޮތުން ބ.ކެންދޫ، ޖަވާހިރުމާގެ އަދުނާން ޔޫސުފް ލިޔުއްވާފައިވާ 2 ފޮތް ކަމުގައިވާ "ރާއްޖެ ބަލި" އަދި "އައްސިބަލި" ނެރުއްވުމަށް އިއްޔެ ހަވީރު ޗަމްޕާ ސެންޓްރަލް ހޮޓަލްގައި ބޭއްވި ހަފްލާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ޝަރަފުވެރިކޮށްދެއްވައިފި އެވެ.

މި ހަފްލާގައި، ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި، ދިވެހިބޭސްވެރިކަމާއި ފަތްޕިލާވެލީގެ އިލްމުގެ މުހިންމުކަން ފާހަގަކުރައްވައި، މި އިލްމު ކުރިއެރުވުމަށް އަދުނާން ޔޫސުފްއާއި އޭނާގެ އާއިލާއިން ކޮށްދެއްވައިފައިވާ އަދި ކުރައްވަމުންގެންދަވާ މަސައްކަތްތަކަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި މިފަދަ އިލްމީ ފޮތްތަކެއް ލިޔުއްވުމަކީ ކުޑަ މަސައްކަތެއް ނޫންކަމާއި، މިއީ ދިވެހި ބޭސްވެރިކަން ކުރިއަރުވަން އަދުނާން ޔޫސުފް ކުރައްވާފައިވާ ވަރަށް އަގުހުރި ބުރަ މަސައްކަތެއްކަން ރައީސް މައުމޫން ވިދާޅުވި އެވެ.

އަދުނާން ޔޫސުފްއަކީ، ރާއްޖެތެރޭ ކޯޓުތަކުގައި ޤާޟީ ކަމާއި، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަމާއި، އަމީނިއްޔާ ސްކޫލްގެ ދިވެހި ޓީޗަރުކަމާއި ސުޕަވައިޒަރުކަން އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން 1984 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމަޔަށް ގާނޫނީ ވަކީލުކަންވެސް ކުރައްވާފައިފާވެ އެވެ.

ދިވެހިބޭސްވެރިކަން ފެތުރެއްވުމަށް އަދުނާން ޔޫސުފް ވަނީ ގިނަ މަސަތްކަތްތަކެއް ކުރައްވާފަ އެވެ. މިގޮތުން، ދިވެހި ބޭސްވެރިންގެ ޖަމްއިއްޔާ އުފެއްދެވުމުގައި އިސް ރޯލެއް އަދާކުރެއްވި އެވެ. އަދި އަމިއްލަ ސިލަބަހެއް އުފައްދަވައިގެން މައި ކޮލެޖާއި ގުޅިގެން ދިވެހި ބޭސް ކިޔަވައިދިނުމަށް ކޯހެއް ހިންގަވައި 2017 ވަނަ އަހަރުން ފެށިގެން 2022 އަށް 8 ބެޗް ތަމްރީން ކުރެއްވި އެވެ. ދިވެހި ބޭސްވެރިކަމާއި ފަތްޕިލާވެއްޔާއި ބެހޭގޮތުން މިހާރުވެސް އޭނާ އިތުރު ފޮތްތަކެއް ގެންދަވަނީ ލިޔުއްވަމުންނެވެ.