ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްޓަކައި ބޮލީވުޑްގެ ފިލްމެއް އުފެއްދޭނެ ގޮތެއް އޮތްތޯ ބެލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މުޅި ދުނިޔެއަށް ޕްރޮމޯޓްކުރުމަށްޓަކައި ރާއްޖެއާ ގުޅޭ ފިލްމެއް އުފެއްދޭނެ ގޮތެއް އޮތްތޯ ބަލައި، އެފަދަ ކުންފުންޏަކާ އެކު މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސައީދު ވިދާޅުވީ ދާދިފަހުން އެމެރިކާއަށް އޭނާ ކުރެއްވި ދަތުރުފުޅުގައި ހޮލީވުޑުގެ ޕްރޮޑަކްޝަން ހައުސްއަކުން ރާއްޖެއާ ގުޅޭގޮތުން ފިލްމެއް އެފެއްދިދާނެ ގޮތެއް އޮތްތޯ ބެއްލެވި ކަމަށެވެ.
"އަޅުގަނޑުމެން ސިޓީއެއް ފޮނުވިން ފައިންޑިން ނީމޯ މޫވީ ހެދި، ސްޓޯރީ ލިޔުނު ފަރާތަށް، ދެން އެ މަސައްކަތުގެ ތެރެއިން އަޅުގަނޑުމެންނަށް ހޮލީވުޑުގެ ސްޓާޓްއަޕް ކޮޕްމެނީއަކާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން އެ ބޭފުޅުން ރާއްޖެއަށް އައިސް ވަރަށް ގިނަ ފަރާތްތަކާ ބައްދަލު ވެސް ކޮށްފައި މިހާރު ވަނީ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން އުންމީދުކުރަނީ މަޝްވަރާކުރެވުނުގޮތަށް އެ ފިލްމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްދިޔުން ކަމަށެވެ. އަދި އެއީ މި ސަރުކާރުގެ ކްރިއޭޓިވް އިކޮނޮމީ ޕްލޭންގެ ދަށުން ކުރާ ކަމެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
މީގެ ކުރިން ފިލްމީ އިންޑަސްޓްރީއަކީ ސަރުކާރުތަކުން މާބޮޑު އަހަންމިއްޔަތު ކަމެއް ދޭ އިންޑަސްޓްރީއެއް ނޫން ނަމަވެސް ރާއްޖެ ޕްރޮމޯޓު ކުރަން ހޮލީވުޑް ފިލްމެއް އުފައްދަން ސަރުކާރުން މަސައްކަތް ކުރަނީ ރައީސް އެ އިންޑަސްޓްރީ ބަލައިގަނެފައިވާތީ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ރާއްޖެ ޕްރޮމޯޓް ކުރަން ފިލްމެއް އުފައްދަން މަސައްކަތް ކުރާ މިއީ ފުރަތަމަ ފަހަރެވެ.
"އަޅުގަނޑުމެން މަސައްކަތް މިހާރު މިކުރަނީ ހައިބޫ ކިޔާ ކުންފުންޏަކާ އެކުގައި އެ ކުންފުނި ދިވެހިރާއްޖެއަށް އެއްފަހަރު އައިސް ދިރާސާތަކެއް ކޮށްފައި އަދި މިހާރު އެ ބޭފުޅުން ދެވަނަ ވިޒިޓެއް ރާއްޖެއަށް ކުރާނެ،" ސައީދު ވިދާޅުވި އެވެ.
ރާއްޖޭގައި ހޮލީވުޑް ފިލްމެއްގެ ބައެއް މަންޒަރުތައް މީގެކުރިން ނަގާފައިވެ އެވެ. އެއީ ޑިސެމްބަރު, 2016 ގައި ރިލީޒް ކުރި "ރޯގް ވަން: އަ ސްޓާ ވޯޒް ސްޓޯރީ" އެވެ. އެ ފިލްމުގެ މަންޒަރުތައް ނެގީ 2015 ވަނަ އަހަރު ލ. އަތޮޅުގަ އެވެ.
ރާއްޖެ ޕްރޮމޯޓްކުރަން ކާޓުން އުފެއްދުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.