ރިސޯޓުތަކުން ބޭންކުތަކަށް ޑޮލަރު ޖަމާކުރާ އަދަދު ދަށްވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާލާއިރު މިދިޔަ އަހަރު ޑޮލަރުގެ އާމްދަނީގެ ގޮތުގައި 4.5 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފަ އެވެ. އެހެން ނަމަވެސް ރިސޯޓުތަކުން ޑޮލަރު ޖަމާކުރާ އަދަދު އެއް އަހަރުން އަނެއް އަހަރަށް އަންނަނީ މަދުވަމުން ކަމަށް އެމްއެމްއޭއިން ބުނެ އެވެ. އެގޮތުން މިދިޔަ އަހަރު ރިސޯޓުތަކުން ބޭންކުތަކަށް ޑޮލަރު ޖަމާކޮށްފައވަނީ 2.3 ބިލިއަން ޑޮލަރު އެވެ.

މަރުކަޒީ ބޭންކުން ބުނީ 2019 ވަނަ އަހަރު ޓޫރިޒަމްގެ އާމްދަނީ 3.4 ބިލިއަން ޑޮލަރުގައި ހުރި އިރު ބޭންކުތައް މެދުވެރިކޮށް 2.5 ބިލިއަން ޑޮލަރު ދައުރުކޮށްފައިވާ ކަމަށެވެ. އެއީ ޓޫރިޒަމްގެ އާމްދަނީގެ 74 ޕަސެންޓެވެ.

މީގެ އިތުރުން ބޭންކްތަކަށް ރިސޯޓުތަކުން ޑޮލަރު ވިއްކި އަދަދުވެސް ވަނީ ދަށަށް ގޮސްފަ އެވެ. އެ ގޮތުން މިދިޔަ އަހަރު ރިސޯޓުތަކުން ބޭންކްތަކަށް ވިއްކީ 68 މިލިއަން ޑޮލަރެވެ. މި އަދަދު 2019 ގައި ހުރީ 153 މިލިއަން ޑޮލަރުގަ އެވެ.