އެމްއޭސީއެލް އިން ކުރިއަށްގެންދިޔަ ބޭސިކް ފަޔާ ފައިޓާސް ކޯހުގެ 29 ވަނަ ބެޗް ނިމިއްޖެ އެވެ.

ބާރަ ބައިވެރިންނާއެކު އެ ކޯސް ކުރިއަށްގެންގޮސްފައި ވަނީ 43 ދުވަހުގެ މުއްދަތަކަށެވެ. މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީން ފާސްކޮށްފައިވާ ބޭސިކް ފަޔާ ފައިޓާސް ކޯހަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އެއާޕޯޓް ވަށައިގެންވާ ސަރަހައްދުގެ އިތުރުން މަތިންދާ ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ކުއްލި ހާލަތްތަކަށް ރައްދުދިނުމަށް ފަޔާ ފައިޓަރުން ތަމްރީނުކުރާ ކޯހެކެވެ.

ބޭސިކް ފަޔާ ފައިޓާ ކޯހަކީ އޭވިއޭޝަން ސޭފްޓީއަށް މުހިންމު ކޯހަކަށްވާއިރު، ފަޔާ ފައިޓަރުންނަށް ކުއްލި ހާލަތްތަކާ ކުރިމަތިލުމުގެ ހުނަރު އެ ކޯހުން ލިބޭނެ އެވެ.

މިއީ އެމްއޭސީއެލްގެ އިންހައުސް ޓްރޭނާސް ބޭނުންކޮށްގެން މި ކޯސް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ. އެ ކުންފުނީގެ އިންހައުސް ޓްރޭނިންގެ ގާބިލުކަން އިތުރުކުރެވިފައިވާ މިންވަރު އެކަމުން ހާމަވާ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

އެ ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ވިދާޅުވީ ފުރިހަމަކަމާ އެކު އެ ކޯސް ނިމިގެންދިޔުމުން ހާމަވަނީ އެ ކުންފުނީގެ އިންހައުސް ޓްރޭނިންގެ ޒިމާންގެ ހަރުދަނާކަން ކަމަށެވެ.

މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ދެމެހެއްޓެނިވިގޮތެއްގައި ދިނުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޔުނިޓުން ރާއްޖޭގެ އޭވިއޭޝަންގެ ދާއިރާގެ އިތުރުން މަސައްކަތްތެރިކަމުގެ ދާއިރާއިން ގިނަ ތަމްރީނުތަކެއް ފޯރުކޮށްދެ އެވެ.

އެމްއޭސީއެލް އިން މި އަހަރުގެ ޖޫން މަހު ވަނީ ޒަމާނީ ޓެކްނޮލޮޖީތަކުން ތައްޔާރުކޮށްފައިވާ އާ ފަޔާ ސްޓޭޝަން އިފްތިތާހުކޮށް ކުއްލި ހާލަތުގައި އަވަސް ރައްދު ދިނުމުގެ ގާބިލްކަން އިތުރުކޮށްފަ އެވެ.