އުރީދޫ މެދުވެރިކޮށް އައިފޯނު 16 ޕްރީއޯޑަރު ކުރި ކަސްޓަމަރުންނާ ފޯނުތައް ހަވާލުކޮށްފި

އުރީދޫ މެދުވެރިކޮށް އެންމެ ފަހުގެ އައިފޯނު 16 ސީރީޒްގެ ފޯނުތަކަށް ޕްރީ އޯޑަރު ދިން ކަސްޓަމަރުންނާ ފޯނުތައް ހަވާލުކޮށްފި އެވެ.

ފޯނުތައް ހަވާލުކުރީ ރޭ ދަންވަރު 12 ޖެހިއިރު އުރީދޫގެ ހެޑްއޮފީހުގަ އެވެ. އެ ކުންފުނިން ކޮންމެ އަހަރަކު ވެސް އައިފޯނުގެ އެންމެ ފަހުގެ މޮޑެލްތަކަށް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު ހުޅުވައިލަ އެވެ.

މިފަހަރު އައިފޯން 16 ގައި ހުރި، ގިނަބައެއްގެ ޝައުގުވެރިކަން ދަމައިގަތް އެއް ފީޗާއަކީ "އެކްޝަން ބަޓަން" އެވެ. އެކްޝަން ބަޓަން އައިފޯން 16ގެ ހުރިހާ މޮޑެލްތަކެއްގައިވެސް ހުރެ އެވެ. މި ބަޓަން ފަރުމާކޮށްފައިވަނީ ކެމެރާ ކޮންޓްރޯލް ފީޗާއަކާ އެކު، ކެމެރާ ހަމައެކަނި ސްލައިޑިން އިޝާރާތަކުން ކޮންޓްރޯލް ކުރެވޭނެ ގޮތަށެވެ.

އައިފޯން 16 ޕްރޯ ގައި ކަޅު، ހުދު، ރިހި އަދި ޑެޒާޓް ކުލަ ލިބެން ހުރެ އެވެ. އެޕަލްއިން ބުނީ މިއީ އައިފޯންގެ ބެޓެރީ ލައިފް އެންމެ ރަނގަޅު ފޯނަށް ވާނެކަމަށެވެ. މިއީ ސެކަންޑް ޖެނެރޭޝަން 3 ނެނޯ މީޓަރު ޓްރާންސިސްޓާ ބޭނުންކޮށްގެން ހަދާފައިވާ އޭ18 ޕްރޯ އިން އުފައްދާފައިވާ ފޯނެކެވެ. އައިފޯން 16 ލޯންޗުކޮށްފައިވަނީ މި މަހުގެ 16 ގަ އެވެ.

އައިފޯނު 16ގެ ސީރީޒްގައި ހިމެނޭ ފޯނުތައް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އެލްމޮބައިލްއިން އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ޕްރީ އޯޑަރު ދިނުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

އުރީދޫ އިން އަބަދުވެސް އަލަށް ނެރޭ އެކި ބްރޭންޑުތަކުގެ ފޯނުތައް ދިވެހިންނާ ހަމައަށް ގެނެސްދެ އެވެ. އެ ކުންފުނިން މަސައްކަތް ކުރަނީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ދިވެހިންނާ ހަމައަށް ގެނެސް ދިނުމަށެވެ.