ޝަހުސު އޮޅުވާލައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެ އެތެރެވާން އުޅުނު ބަޔަކު އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ޑިވިޝަނުން ހުއްޓުވައިފި އެވެ.

އިމިގްރޭޝަނުން މިއަދު އާންމުކުރި މައުލޫމާތުގައި ވާގޮތުން ޖުލައި މަހުން ފެށިގެން އެކި ތާރީހުގައި ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތް ކޮށްފައިވަނީ ތިން ބިދޭސީ ފިރިހެނުންނެވެ.

އެ މީހުން ނިސްބަތްވާ ގައުމާއި ނަން ހާމަކޮށްފައިނުވާއިރު، އިމިގްރޭޝަނުންވަނީ އެމީހުންގެ އުމުރާއި ރާއްޖެ އެތެރެވާން އުޅުނު ތާރީހު އާންމުކޮށްފަ އެވެ.

އެގޮތުން 31 ޖުލައި 2024 ގައި ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކޮށްފައިވަނީ 25 އަހަރުގެ މީހެކެވެ. އޭގެ ފަހުން 16 އޮގަސްޓްގައި 23 އަހަރުގެ މީހަކު އެތެރެވާން އުޅެފައިވާއިރު، 18 އޮގަސްޓްގައި 21 އަހަރުގެ މީހަކު ރާއްޖެ އެތެރެވާން އުޅެނިކޮށް ވަނީ ހިފަހައްޓާފަ އެވެ.

މިގޮތަށް ގަވައިދާ ހިލާފަށް އެތެރެވާ މީހުން އިމިގްރޭޝަނުން ދަނީ އަނބުރާ ގައުމަށް ފޮނުވަމުންނެވެ. ރާއްޖެ އެތެރެވާ މީހުންގެ މައުލޫމާތު ރައްކާކުރުމާއި، މައުލޫމާތުގެ ސައްހަކަން ދެނެގަތުމަށް ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ނިޒާމު ވަނީ ވަރުގަދަކޮށްފަ އެވެ.