ކޮވިޑް ވެކްސިން ޖެހި މީހަކު މަހަށް ގޮސް ހުއްޓާ ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަހަށް ނުކުމެ އުޅުނު 45 އަހަރުގެ މީހަކު ހޭނެތިގެން ކ. ހިންމަފުއްޓަށް ގެންގޮސްފަރުވާދެނިކޮށް މަރުވެފައިވާ ކަމަށެވެ. އެ މީހާ މަރުވީ ހިންމަފުށީ ސިއްހީމަރުކަޒުގައި ފަރުވާދެނިކޮށް މިއަދު ހެނދުނު 9:13ގައި ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އއ. މާޅޮހަށް ނިސްބަތްވާ އެ މީހާއަށް ކޮވިޝީލްޑް ވެކްސިން ދިނީ އިއްޔެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ އޭނާގެ މަރާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި ވެކްސިން ޖެހިފަހުން މަރުވި ނަމަވެސް އެއީ ވެކްސިނާ ގުޅުންހުރެގެން ކަމަށް ނުބެލެވޭނެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ވެކްސިން ޖެހިފަހުން ހާލު ދެރަވެގެން ގދ. ގައްދޫ ދެމަފިރިއަކު ވެސް މީގެ ކުރިން މަރުވެފައިވެ އެވެ. އަދި އެ މައްސަލަ ވެސް ބަލަމުންދާ ކަމަށް އެޗްޕީއޭ އިން ބުނި ނަމަވެސް އެ ދެ މީހުން މަރުވީ ވެކްސިނާ ގުޅިގެން ކަމަށް ނުބުނެ އެވެ.