ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ ހިމާލަޔަސްގެ މައުންޓް އެވަރެސްޓްއަކީ އެ ފަރުބަދައަކަށް ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު އަރާ ފައިބާ ފަރުބަދަ އެކެވެ.

ގަދަ ފިންޏާއި އުނދަގޫ މަގުތަކުން އެ ފަރުބަދައިގެ އެންމެ އުހަށް އަރަން އުޅުމުގެ ތެރޭގައި އެތައް ފަހަރެއްގެ މަތިން ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ.

އެގޮތުން މިހާތަނަށް ހިނގާފައިވާ އެފަަދަ އެއް ހާދިސާއަކީ 1924 ވަނަ އަހަރު އެ ފަރުބަދައަށް އަރަން މަސައްކަތްކުރި އުމުރުން 22 އަހަރު އެންޑްރޫ ކޮމީން އިރްވީންއާއި އޭނާގެ ބައިވެރިޔާގެ ވާހަކަ އެވެ.

އެ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހު ފަރުބަދައަށް އަރަން މަސައްކަތް ފެށިފަހުން އެމީހުންގެ ހަބަރެއް ވެފައެއް ނުވެ އެވެ. އެމީހުން ހޯދަން ކުރެވުނު މަސައްކަތް ވެސް ވަނީ ވަކި ހިސާބަކުން ހުއްޓާލާފަ އެވެ.

އޭގެ އެއް ގަރުނު ފަހުން މި ހިނގާ 2024 ވަނަ އަހަރު އެ ފަރުބަދައިން އިރްވީންގެ ފައި ކަމަށް ބެލެވޭ ފައެއް މިހާރު ވަނީ ފެނިފަ އެވެ.

މައުންޓް އެވަރެސްޓްއަށް އެރި ނެޝަނަލް ޖިއޮގްރަފިކް ޗެނަލްގެ ޓީމަކަށް ފެނުނު އެ ފައި ތަނބިކަށްޓާ ހިސާބުން ބުރިވެފައި ވީނަމަވެސް ގަދަ ފިނީގެ ސަބަބުން ގަނޑުވެ ވަނީ ވަރަށް ރަނގަޅަށް ރައްކާ ކުރެވިފަ އެވެ.

އެއީ އިރްވީންގެ ފައިކަން އިތުރަށް ޔަގީން ވަނީ އެ ފަޔަށް ލައްވާފައިވާ އިސްޓާކީނުގައި "އޭ ސީ އިރްވީން"ގެ ނަން ޖަހާފައި ވުމުންނެވެ.

އެހެން ނަމަވެސް މިކަން ކަށަވަރު ކުރުމަށްޓަކައި އެ ފައިގެ ޑީއެންއޭއާއި އިރްވީންގެ އާއިލާ މެމްބަރެއްގެ ޑީއެންއޭ ނަގާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

އިރްވީންގެ އާއިލާއިން ބުނީ އޭނާ ފެނުމުގެ އުއްމީދުވެސް މިހާރު ކަނޑާލާފައިވާ ކަމަށާއި އެހެން ކަމުން އެ ހަބަރު ވެގެންދިޔައީ ލިބުނު ކުއްލި ސިހުމަކަށް ކަމަށެވެ.

އެއީ އިރްވީންގެ ފަޔަށް ވެއްޖެނަމަ މައުންޓް އެވަރެސްޓްގައި ހިނގާފައިވާ ގޮތް ނޭނގޭ ހާދިސާތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ހާދިސާގެ އެތައް ޖަވާބުތަކެއް ހޯދަން ސައިންސްވެރިންނަށް ފަސޭހަވެގެންދާނެ އެވެ.