ވެރިކަމަށް އައުމަށް ރައްޔިތުންނަށްވީ ވައުދުތައް ނުފުއްދައި، ދެވަނަ ދައުރެއްގެ ވާހަކައަކީ ދައްކަން ހެޔޮވާވަރުގެ ވާހަކައެއް ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ ވައުދު ފުއްދަން ފަސް އަހަރަކީ އެކަށީގެންވާ މުއްދަތެއްތޯ އާއި ވައުދު ފުއްދަން ދެވަނަ ދައުރަކަށް ކުރިމަތިލައްވާނަންތޯ "ހުރިހާ"އިން ދެންނެވުމުން އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި ރައީސް ވިދާޅުވީ ވެރިކަންކުރަން ފަސް އަހަރަކީ ދިގު މުއްދަތެއް ކަމަށާއި ވައުދު ނުފުއްދައި ދެވަނަ ދައުރެއް ދައްކަން ހެޔޮނުވާނެ ކަމަށެވެ. އަދި އެކަންކަން ފުރިހަމަ ނުކޮށް ވެރިކަމުގެ ދެވަނަ ދައުރެއްގެ ވާހަކަ ދެއްކުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތެއް ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ވެރިކަމަށް އައިސް، އަނެއް ދުވަހު، ކުރިއަށް އޮތް ދައުރު ކުރިމަތިލާން ނިންމައިފިއްޔާ ރައްޔިތުންނަކަށް ހިދުމަތެއް ނުކުރެވޭނެ. އަޅުގަނޑު ވެރިކަމަށް އައިސް މިކުރާ ކަމަކީ، އަޅުގަނޑު ވީ ވައުދުތައް ރައްޔިތުންނަށް ފުއްދޭތޯ ބެލުން،" ރައީސް ވިދާޅުވި އެވެ. "އެހެންނެއް ނޫން، އަޅުގަނޑު ދެން އޮތް އިންތިހާބަކަށް ކުރިމަތިލާން ނިންމައިފިއްޔާ އަޅުގަނޑު ހިންގާނީ އަޅުގަނޑަށް ތާއީދު ބޮޑުވާނީ ކޮން ގޮތަކަށްތޯ ބަލައިގެން."

https://www.facebook.com/presidencymv/videos/901261440416977

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންނަށްވި ވައުދުތައް ނުފުއްދައި ވެރިކަމުގެ ދެވަނަ ދައުރަކާ މެދު ވާހަކަ ދައްކާ ނަމަ ރައްޔިތުން އެމަނިކުފާނު ބަލައި ނުގަންނާނެ ކަމަށެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ މިކުރަނީ އެހެނެއް ނޫން. އަޅުގަނޑު ކުރުމަށް މަސައްކަތް ކުރަމުން މިގެންދަނީ އަޅުގަނޑު ވީ ވައުދުތައް އިހަށް ފުއްދޭތޯ. އެ ނޫން ވިސްނުމެއް އަޅުގަނޑުގެ މިވަގުތަކު ނެތް. އަޅުގަނޑު ވެރިކަމުގެ ވާހަކަ ދައްކަން ހެޔޮނުވާނެ އަޅުގަނޑު ވީ ވައުދުތައް ފުއްދައިނުދީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެ ކަހަލަ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަން ޖެހޭ ގައުމެއްގައި ވެރިކަންކުރަން ފަސް އަހަރަކީ ކުރު މުއްދަތެއް ކަމަށެވެ. ނަމަވެސް ނަމަވެސް ސިޔާސީ ގޮތުން ބަލާއިރު ފަސް އަހަރަކީ ދިގު މުއްދަތެއް ކަމަށާއި އެ މުއްދަތު ކުރުކުރެވިދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.