މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ދެހާހަށްވުރެ މަތިވެ، ދައުލަތުގެ ބަޖެޓުން މަހަކު ސާޅީސް މިލިއަން ރުފިޔާ މުސާރަ ދިނުމަށް ހޭދަކުރާކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ސަރުކާރުން ހަރަދު ކުޑަކުރަން ކިޔާއިރު، ސިޔާސީ މަގާމުގެ އަދަދު 2280 އަށް އަރާކަމަށެވެ. މީ ރައީސް މުހައްމަދު މުއިއްޒު ސިޔާސީ މަގާމުތައް 700 އަށްވުރެ މަތި ނުކުރައްވާނެކަމަށް ވިދާޅުވި އަދަދަށްވުރެ 1580 އިތުރު އަދަދެއް ކަމަށްވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ގޮތުން ބޭނުންވާ ވަރަށްވުރެ އިތުރަށް ނަގާފައިވާ ހުރިހާ ސިޔާސީ މަގާމުތައް މަދުކުރަން ޖެހޭކަމަށެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ ޓެކްސްތައް ބޮޑުކުރަނީ ސަރުކާރު ފެއިލްވެގެން ކަމަށެވެ. ޓެކްސް ބޮޑުކުރަން ޖެހުނީ ސަރުކާރުގެ ފައިނޭންސިން ސްޓްރެޓަޖީ ފެއިލްވެގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ހަރަދު ކުޑަނުކޮށް ޓެކްސް ބޮޑުކުރުމާ ދެކޮޅު. އެ ވާނީ ބޮޑު ގެއްލުމަކަށް. އިސްރާފަކަށް" އަމީރު ވިދާޅުވި އެވެ.

މިހާރު ޓެކްސް ބޮޑުކޮށްގެން ޓޫރިޒަމް ސިނާއަތަށް ކުރާނީ ނޭދެވޭ އަސަރުކަމަށާއި ޓެކްސް ބޮޑުކުރާއިރު ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރެންޑްތައް ބަލަންޖެހޭ ކަމަށް އަމީރު ވިދާޅުވި އެވެ.

އާމްދަނީގެ ސިޔާސަތާމެދު ރައްޔިތުންގެ އިތުބާރު ގެއްލިފައި

އަމީރު ވިދާޅުވީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހު މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީއެއް އިއުލާނުކުރި ކަމަށާއި އެއީ ކުރިއަށް އޮތް ފަސް އަހަރު ދައުލަތުގެ އާމްދަނީއަށް ގެންނާނެ ބަދަލުތައް މުވާސަލާތުކޮށްދޭ ވަސީލަތެއް ކަމަށެވެ. ނަމަވެސް ދެ މަސް ފަހުން، އެ ސްޓްރެޓެޖީ ބޮލާލައި ޖަހައި، އައު އާމްދަނީގެ ފިޔަވަޅުތައް ސަރުކާރުން ހާމަކޮށްފައިވާ ކަމަށެވެ. އެންމެފަހު ޓީޖީއެސްޓީ ރޭޓް ބޮޑުކުރަން ނިންމީކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މި ގޮތަށް ގެންނަ ބަދަލުތަކުން އާމްދަނީގެ ސިޔާސަޔާމެދު އާންމުންނާއި ވިޔަފާރިތަކާއި އިންވެސްޓަރުންގެ އިތުބާރު އެއްކޮށް ގެއްލިއްޖެ" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މާލީ ހާލަތާއި އިގްތިސޯދީ ހާލަތު ދައްވަމުން ދާ މި ދަނޑިވަޅުގައި ހަރަދުކުޑަކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ވޯލްޑް ބޭންކުންވެސް ވަނީ ބުނެފަ އެވެ.

މި މަސްތެރޭގައި ރައީސް މުއިއްޒު ވަނީ ސިޔާސީ މުވައްޒަފުންގެ ތެރެއިން 228 މީހަކު ވަކިކުރައްވާނެކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ސަރުކާރުން ވަނީ ސިއްރުކޮށްފަ އެވެ. އިދިކޮޅުން ބުނަނީ ސިޔާސީ މަގާމުތަކުން ވަކިކުރާ ފަރާތްތަކަށް ސަރުކާރު ކުންފުނިތަކުން ވަޒީފާ ހަމަޖައްސާނެކަމަށް ބެލެވޭ ކަމަށެވެ.