ބޮޑު އަގުގައި ވިއްކުމަށް ރާއްޖޭގައި ސިނގިރޭޓުގެ ވިޔަފާރި ކުރާ ރޫޓުން 20 މިލިއަން ސިނގެރޭޓް އެތެރެކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ރޫޓުން މި ސިނގިރޭޓްތައް އެތެރެކޮށްފައިވަނީ އެއާ ފްރައިޓްކޮށް ރޭގެ ވަގުތެއްގަ އެވެ. 200 ޕެލެޓް ހިމެނޭ މި ސިޕްމަންޓްގެ 100 ޕެލެޓް ރޭ ވަނީ ކްލިއާ ކޮށްފަ އެވެ.

ސިނގިރޭޓާއި ބިޑިން ނަގާ ޓެކުހާއި ޑިއުޓީ ބޮޑުކުރުމަށް އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ އިސްލާހު ހުށަހަޅާފަ އެވެ.

އެއާއެކު އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ޗެޕްޓަރު 24ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް މަތިކުރުމާއެކު މި މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ނިންމި ނިންމުމާއެކު، ސިނގިރޭޓު ވިއްކާ އަގު ދެ ދެގުނައަށް ވުރެން އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މި އިސްލާހާއެކު މި އަންނަ މަހުގެ އެކަކުން ފެށިގެން ސިނގިރޭޓްގެ އަގު ބޮޑުވާނެ އެވެ.

އެހެންކަމުން އިމްޕޯޓް ޑިއުޓީ ބޮޑުވުމުގެ ކުރިން ރޫޓުން ސިނގިރޭޓް އެތެރެކޮށް، ފަހުން ބޮޑުއަގުގައި ވިއްކުމަށް ދަނީ ތައްޔާރުވަމުންނެވެ.