ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ސަރުކާރުން ހުށަހެޅި 5.1 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ބަޖެޓު ދިރާސާކުރަން ކޮމެޓީއަށް ފޮނުވުމުން މާ ބޮޑު ބަހުސެއް ނެތި، އެ ބަޖެޓު ފާސްކުރުމަށް ކޮމެޓީގެ އިއްތިފާގުން އިއްޔެ ވަނީ ރުހުން ދީފަ އެވެ.

މިއަދުގެ ޖަލްސާގައި ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަން ނެގި ވޯޓުގައި ފާސްކުރަން ފެންނަކަމަށް 75 މެންބަރަކު ވޯޓް ދެއްވާފައިވެ އެވެ. ބަޖެޓް ފާސްކުރުމާއި ދެކޮޅަށް 11 މެންބަރަކު ވޯޓް ދެއްވިއިރު ވަކިގިތޮކަށް ވޯޓް ނުދެއްވާ އެއްވެސް މެންބަރަކު ނެތެވެ.

ސަރުކާރުން ހުށަހެޅި 5.1 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓުގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާ އެވެ.

ސަޕްލިމެންޓަރީ ބަޖެޓާއެކު، 2024 ވަނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު ވަނީ 55 ބިލިޔަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި ސަޕްލިމެންޓަރީ ބަޖެޓުގެ އާމްދަނީ ހިމަނައިގެން އާމްދަނީ އާއި ހިލޭ އެހީގެގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 34 ބިލިއަން ރުފިޔާ އެވެ. މިއާއެކު ސަޕްލިމެންޓަރީ ބަޖެޓުގެ އޯވަރޯލް ޑެފިސިޓަކީ 4 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއަހަރުގެ ބަޖެޓް ޑެފިސިޓް އަދި ސަޕްލިމެންޓަރީ ބަޖެޓާއެކު އިތުރު ވެގެންދާނީ 18 ބިލިޔަން ރުފިޔާ އެވެ.