ދުނިޔޭގެ ބޮޑީ ބިލްޑިން މުބާރާތް ރާއްޖޭގައި ބޭއްވުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ކެނެރީފް ރިސޯޓްގައި މިހާރު ކުރިއަށްދާ ބޮޑީ ބިލްޑިން މުބާރާތުގައި ދެ ޖިންސުގެ މީހުންގެ ހުށަހެޅުންތައް ދައްކާފައިވެ އެވެ.
މިކަމަށް ފާޑުކިޔުން އަމާޒުވީ މި މަހު ކުރީކޮޅު ރާއްޖޭގެ ޒުވާން އަންހެނަކު ދުނިޔޭގެ ފެންވަރުގައި ބާއްވާ ރީތިގެ މުބާރާތެއް ކަމަށްވާ މިސް ޔުނިވާސްގައި ބައިވެރިވުމުން ދީނީ އިލްމުވެރިންނާއި ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވުމާއި އެކު، ސަރުކާރުން އެކަން ހުއްޓާލަން ގޮވާލާ ބަޔާނެއް ނެރެފައިވާ ދަނޑިވަޅެއްގަ އެވެ.
މިސް ޔުނިވާސްގައި ބައިވެރިވި މައްސަލައާއި ގުޅިގެން ރައީސް މުހައްމަދު މުއިއްޒުވެސް ވަނީ އެކަން ކުށްވެރިކުރައްވާ އެކްސްގައި ޕޯސްޓެއް ކުރެއްވާފައި އެވެ. މީގެ އިތުރުން މިސް ޔުނިވާސްގައި ބައިވެރިވުން ހުއްޓާލައި އެކަން ކުށްވެރިކޮށް ސަރުކާރުގެ ފަރާތުން ޔޫތު މިނިސްޓްރީން ބަޔާނެއްވެސް ނެރެފައިވެ އެވެ.
ނަމަވެސް ބޮޑީ ބިލްޑިން މުބާރާތާއި ގުޅިގެން ސަރުކާރުން ރަސްމީކޮށްބަހެއް ނުބުނާކަން ފާހަގަކޮށްލެވެ އެވެ.
ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުން ކީރިތި ގުރުއާނުގެ ބަރަކާތުން މި މުބާރާތް ފަށާފައިވާއިރު، ނިވާކަން ކުޑަގޮތަކަށް އަންނެނުންނާއި ފިރިހެނުން އެކުގައިވެސް ހުށަހެޅުންތައް ހުށަހަޅާފައިވެ އެވެ. އަދި ވަނަ ތަކަށް ދާ ފަރާތްތަކަށް މެޑަލް ދިނުމާއި ހަފްލާގެ އެންމެހާ އިންތިޒާމުތަކުގައި ގިނައިން ހަރަކާތްތެރިވީ ދިވެހިންނެވެ.
މިކަމާއި ގުޅިގެން މިއަދުގެ ސަރުކާރަށް ތާއީދުކުރާ ގިނަ ދީނީ އިލްމުވެރިންވެސް ތިބީ ހަނު އެވެ. ހާއްސަކޮށް މި ސަރުކާރަށް ވާގިވެރިވާ ސަލަފް ޖަމިއްޔާއިންވެސް މިކަމާއި ގުޅިގެން އެއްޗެއް ބުނެފައިނުވާކަން ފާހަގަކޮށްލެވެ އެވެ.
މިކަމާއި ގުޅިގެން ފާޑުކިޔުން ބޮޑުވުމުން މިއަދުގެ ވަގުތެއްގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މިކަމަށް އިޝާރާތް ކުރައްވާފަދަ މޭރުކަމަކުން އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.
ޝަހީމް ވިދާޅުވީ ބަރަހަނާ މަންޒަރުތައް ދައްކާ ހަފްލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއްނޫންމަކަށާއި ޤައުމުގެ އިޖްތިމާއީ ކަރާމަތު ނަގަހައްޓައި އިސްލާމީ ސަގާފަތު ރައްކާތެރިކުރަންޖެހޭ. ޤުރުއާން ބާވައިލެއްވުނީ ހިދާޔަތެއްގެ ގޮތުގައި ކަމަށެވެ.
މީގެ އިތުރުން މިކަމާއި ގުޅިގެން ކުރީގެ ލަވަ ކިޔުންތެރިޔާ އަލީ ރަމީޒުވެސް ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. ނަމަވެސް އޭނާވެސް ބަހެއް ވިދާޅުވެފައިމިވަނީ ދީނީ އިލްވެރިން ހަނު ތިބުމުން ގިނަ ބަޔަކު ފާޑުކިޔަން ފެށިފަހުންނެވެ.
ސަރުކާރުގެ ދެފުށްދެގޮތް ސިތާސަތާމެދު ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަންހެނަކު ރީތީގެ މުބާރާތްތެއްގައި ބައިވެރިވުމުން މައްސަލައަކަށް ވެފައި ބޮޑީ ބިލްޑިން މުބާރާތްތަކުގައި ދިވެހިން ބައިވެރިވުން މި ސަރުކާރަށް މައްސަލައަކަށް ނުވެ އެވެ. ދާދިފަހުން ދިވެހިންގެ ތެރޭގައިވެސް ވަނީ ބޮޑީ ބިލްޑިން މުބާރާތެއް ބާއްވާފަ އެވެ. އަބަދުވެސް މިފަދަ މުބާރާތްތައް ބާއްވަމުން ދެ އެވެ.