އޭނާގެ މަސައްކަތަށް ޕްރޮޑިއުސަރުންނާއި އެހުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެ އެވެ. ޚާއްސަކޮށް އޭނާ ކުޅޭ ރޭޑިއޯ ޑްރާމާތަކުގައި ހިތާމަވެރި ރޯލަށް ވަރަށް ގިނަ މީހުން ތައުރީފު ކުރެ އެވެ. މެސެޖުންނެވެ. ލައިވް ޝޯގެ ތެރެއިން ވެސް މެ އެވެ. އެހުންތެރިންގެ ފަރާތުން ލިބޭ ލޯތްބަކީ އޭނާގެ މަސައްކަތުގައި ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ. ބާރެވެ. މަޝްހޫރު ލިއުންތެރިޔާ ކަށިމާ އަހުމަދު ޝާކިރު އޭނާގެ ލިޔުންތެރިކަމަށް ކުރެއްވި ތައުރީފް އޭނާ ސިފަކުރަނީ ލިބުނު އެވޯޑެއްގެ ގޮތުގައި އެވެ.
ދިވެހިރާއްޖޭގެ އަޑުގައި މެދުނުކެނޑި 26 އަހަރު މަސައްކަތްކޮށް ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ރ. އަލިފުށްޓަށް އުފަން އެރަށު ޒަމާނީ މަންޒިލް، މަރިޔަމް އާތިފާ އަދުނާން (އާތިފާ) އަކީ ކެރި ހުރެ ކަންކަމަށް އިސްނަގައިފިނަމަ ބޭނުންވާ މާންޒިލަށް ދެވޭނެކަން ސާބިތުކޮށްދީފައިވާ މީހެކެވެ. ހިތްހެޔޮ އަދި މަޖާމިޒާޖެއްގެ އާތިފާ ކުޑައިރު ބޭނުންވީ ޚަބަރު ކިޔާ މީހަކަށް ވާށެވެ. ނަމަވެސް އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ބޮޑު ހުރަހެއް ވެ އެވެ. އެއީ އަމިއްލަ ނަފްސަށް އިތުބާރު ނުކުރުމާއި، ޖެހިލުންވުމެވެ. އެކަމުގެ ސަބަބުން ސްކޫލުގައި އުޅުނުއިރު އެއްވެސް އިތުރު ހަރަކާތެއްގައި އޭނާ ބައިވެރިވެފައެއް ނުވެ އެވެ. އެފަދަ ކުއްޖަކުން މުޅި ރާއްޖެ ކުރިމަތީ އެއްވެސް ޖެހިލުމެއް ނެތި ދޫ ފަސޭހަކަމާއެކު ޕްރޮގްރާމް ހުށަހަޅަން ޖެހިލުން ނުވާ މީހަކަށް ވީގޮތް "ހުރިހާ" އާ ހިއްސާކޮށްލީ އެފަދަ ކުދިންނަށް ވެސް އިބުރަތެއް ހާސިލްކޮށްދިނުމުގެ ނިޔަތުގަ އެވެ.
ދުވާލަކު ގްރޭޑެއް ބަދަލުވި އާދަޔާޚިލާފު ހާދިސާ: ދިގު ދަތުރެއްގެ ފެށުން
އާތިފާ އަލަށް ވެސް ސްކޫލަކަށް ވެއްދީ އުމުރުން 8 އަހަރުގަ އެވެ. އެއީ އަލިފުށީ ސްކޫލަށެވެ. އޭގެ ކުރިން އޭނާގެ މަންމަ ދިޔައީ ގޭގައި ވަރަށް ރަނގަޅަށް ކިޔަވައިދެމުންނެވެ. އެހެންކަމުން ސްކޫލަށް ވެއްދިއިރު އޭނާގެ ފެންވަރު ކްލާހުގައި ތިބި އެހެން ކުދިންނަށް ވުރެ މޮޅުކަން ޓީޗަރުންނަށް ފާހަގަވި އެވެ.
"ފުރަތަމަ ސްކޫލަށް ދިޔަ ދުވަހު ގްރޭޑް 1 ގައި ކިޔަވާފައި، އެދުވަހު ގެއަށް ދާން ފެށީމަ ބުނީ މާދަމާ އަންނާށޭ ގްރޭޑް 2 އަށް. ޖެހިގެން އައި ދުވަހު އަޅުގަނޑު ދިޔައީ ގްރޭޑް 2 އަށް، އެހެން ގޮސް ހަފްތާ ނިމުނުއިރު ހުރީ ގްރޭޑް 5 ގައި،" އާތިފާ ކިޔައިދިނެވެ.
މަހެއްހާ ދުވަހު ރަށު ސްކޫލުގައި އުޅެފައި އޭނާ އިތުރަށް ކިޔަވަން މާލެ ބަދަލުވި އެވެ. ސްކޫލުގައި އުޅުނުއިރު އޭނާއަކީ ދިވެއްސަށް ވަރަށް މޮޅު ކުއްޖެކެވެ. ވަރަށް ލިޔާ ވެސް ހިތްވާ ކުއްޖެކެވެ. އިމްތިހާނުތަކުގައި އޭނާ ލިޔާ ދިވެހި އަދި އިނގިރޭސި ވާހަކަތަކަށް ވަރަށް ރަނގަޅު ނަތީޖާ ލިބޭކަން އޭނާ ފާހަގަކުރި އެވެ.
މާމަޔަށް އިއްވަން ބާރަށް ކިޔާ ވަހަކައާއި ސިއްރުން ކިޔާ ލޯބީގެ ވާހަކަ
ފޮތް ކިޔުމަކީ އެންމެ ފަރިތަ އަދި އެންމެ ޝައުގުވެރިވާ ކަމެކެވެ. ނޫހެއް ކިޔާ ނަމަ އިޝްތިހާރަށް ދަންދެން އެއްވެސް ގަނޑެއް ވެސް ދޫކޮށްނުލާ ކިޔާ ހަނދާން މިހާރު ވެސް އޭނާ ހުރެ އެވެ. މަޑުލު މުހައްމަދު ވަހީދުގެ ލިޔުންތަކާއި ޝަމީމާ ޔަހުޔާ ތަރުޖަމާކޮށްފައިވާ ވާހަކަތައް ކިއުމަށް ވަރަށް ބޮޑަށް އޭނާ ޝައުގުވެރިވެ އެވެ.
"އަޅުގަނޑު ކިޔަން އިނގިރޭސި އަދި ދިވެހި ވާހަކަ ވެސް. ފޮތެއް އަތުޖެހިއްޖިއްޔާ އަޅުގަނޑު އެފޮތް ކިޔާ ނިންމާފައި ނޫނީ ހުއްޓައެއް ނުލަން. ކިތަންމެ ބޯ ފޮތެއް ވިއަސް އެއް ފަހަރުން އެފޮތެއް ކިޔާ ނިންމާލަން. ލޯބީގެ ވާހަކައެއް ވިއްޔާ ކިޔަނީ ފިލާއިނދެ، އެއީ ހުއްދަ ނޯންނާތީ،" ދިވެހިރާއްޖޭގެ އަޑުގައި "ހަފުތާގެ ވާހަކަ" ގެނެސްދޭ އާތިފާ ބުންޏެވެ.
އުފެދުމުގައި ކިތަންމެ ޖެހިލުންވެފައި ލަދުގަންނަ ކުއްޖަކަށް ވިއަސް އޭނާ ޖެހިލުން ނުވާ ކަމެއް އޮވެ އެވެ. އެއީ މީހުންނަށް އިވޭގޮތަށް ބާރަށް ވާހަކަ ކިއުމެވެ. ކޮންމެ އަހަރަކު ސްކޫލް ޗުއްޓީގައި ރަށަށް ގޮސް އުޅޭއިރު އޭނާގެ މާމަ ކައިރީގައި އިނދެގެން ބޮޑުތަކުރުފާނު ވާހަކަ ކިޔައިދެ އެވެ. އެވާހަކަ އަޑުއަހަން ބައެއް ފަހަރު ގޭދޮށު މީހުން ވެސް ޖަމާވެ ތިބޭކަން އޭނާ ބުންޏެވެ.
ދިވެހިރާއްޖޭގެ އަޑާ ގުޅުން: މަރްޙޫމް ސަމަރުބްލޫ އިބްރާހިމް މަނިކުގެ ބޮޑު ސުވާލު
ކަންކަމާ ފަސްޖެހުމާއި، ޖެހިލުންވުމަކީ އޭނާގެ ކުރިމަގަށް އެޅިފައި އޮތް ހިޔަންޏެކެވެ. އެކަމުގެ ސަބަބުން އޭނާ ވިސްނާގޮތާއި ކުރިއަށްދާން ބޭނުންވާ ގޮތް، އެއްވެސް މީހަކާ ހިއްސާ ކުރާކަށް ނުކެރެ އެވެ. އުމުރުން 19 އަހަރުގައި މަންމަގެ އެދުމުގެ މަތިން ސިޓީއެއްގައި ސޮއިކުރީ ވަޒީފާއަކަށް ދިއުމަށެވެ. އެއާއެކު ދިވެހިރާއްޖޭގެ އަޑުގައި ވަޒީފާ ހަމަޖެހުނެވެ.
"ފުރަތަމަ އަޑަށް ޖޮއިންކުރީ ޕްރެސެންޓާ ޕްރޮޑިއުސާ ޓްރެއިނީއަކަށް. އެތަނަށް ގެންދިޔަ ދުވަހު އަޅުގަނޑާ އިންޓަވިއު ކުރެއްވީ މަރުހޫމް ސަމަރުބްލޫ އިބްރާހިމް މަނިކު. އިބްރާހިމް މަނިކު ވިދާޅުވި އަޑުގައި ކިހާ ދުވަހަކު އުޅޭނަން ހެއްޔޭ. އަޅުގަނޑު ހިތަށް އެރީ ހާދަބޮޑު ސުވާލެކޭ އެ ކުރެއްވީ، ވަޒީފާ ލިބޭނީ ތަންކޮޅެއް ގިނަދުވަހު އުޅޭނެ ވާހަކަ ބުނީމައޭ. ދެން އަޅުގަނޑު ބުނީ ފަސް އަހަރު ހަމަ ޔަގީނުން ވެސް އަޅުގަނޑު އުޅޭނަމޭ ވަޒީފާގައި،" އާތިފާ ބުންޏެވެ.
އާތިފާއަށް ފުރަތަމަ ޖެހުނީ އޮލިމްޕަހުގައި ވަގުތުން ކުރިއަށްގެންދާ "އަދުގެ އަޑު" ޗެނެލްގެ މަސައްކަތަށް ނުކުންނާށެވެ. ފުރަތަމަ ދުވަހު ވަޒީފާއަށް ގޮސް އެތަނުގައި އުޅުނު މުއައްޒަފުންގެ ކުޅަދާނަކަމާއި ހުނަރުވެރިކަން ފެނިފައި އޭނާއަށް އެއާ ގާތަށް ވެސް ނުދެވޭނެކަން އިހްސާސްވެ ވަރަށް ކަންބޮޑުވި އެވެ.
"އަދުގެ އަޑަކީ ވަގުތުން ކުރިއަށް ގެންދާ ޗެނެލްއެއް. އަދުގެ އަޑުގައި އޭރު އުޅުއްވާނީ ހަފްޒާއްތަ، ޝަރުމީލާއްތަ، ނުޒުހަތު، ޝެރިން، އަދި ސާމިޔާ. އެހުރިހާ ބޭފުޅުންނަކީ ވެސް ވަރަށް ކުޅަދާނަ ބޭފުޅުން. އެބޭފުޅުން ފެނިފައި ހިތަށް އެރި އަޅުގަނޑަކަށް ނުވާނެޔޭ. ނަމަވެސް މަސްދުވަހުގެ ޓްރޭނިން ދެއްވި ފަހުން ޕްރެސެންޓް ކުރަން ދަސްވި. އަޅުގަނޑުގެ ރަނގަޅު ކަމެއް ގޮތުގައި އެބޭފުޅުން އޭރު ފާހަގަކުރެއްވި ދިވެއްސަށް ފަރިތަކަން،" އެހުންތެރިންގެ ތެރޭގައި ވަރަށް މަގްބޫލު "ލަވައިން ވާހަކަ" ޕްރޮގްރާމް އަމިއްލަޔަށް ލިޔެގެން ހުށަހަޅާ އާތިފާ ބުންޏެވެ.
އަމިއްލައަށް އިސްނެގުން: މީހުން ބަލައިގަތް ރަނގަޅު ސިފައެއް
އޭނާގެ ކިބައިގައި ހުރި ޖެހިލުންވުމުގެ ސިފައިން އަރައިގަންނަން އޭނާ ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެކަމުގެ ނަތީޖާ ވެސް ވަރަށް ފޮންޏެވެ.
"ވަޒީފާގެ ފުރަތަމަ އަހަރުގައި ވަކި ހިސާބަކުން އަޅުގަނޑު މަސައްކަތް ކުރަމުން އައިގޮތް އަމިއްލައަށް ހަމަ ބަދަލުކޮށްލީ. ދެން އަމިއްލައަށް ކަންކަމާ އިސްނަގަން ފެށީ. އިސްކޮށް ތިބޭ ބޭފުޅުން އެކަންކަން ފާހަގަ ވެސް ކުރި. މިސާލަކަށް އަލަށް ޕްރޮގްރާމެއް އުފައްދަން ބުނި ކަމަށް ވިއަސް ބުނަން އަޅުގަނޑޭ ތިޔަ ޕްރޮގްރާމް ހަދާނީ. އަޅުގަނޑު ބޭނުމޭ ތިހަދަން. އެގޮތަށް އަމިއްލައަށް އިސްނަގައިގެން އަމިއްލައަށް ކަންކަން ކުރެވޭތޯ އުޅުނީ،" އާތިފާ ބުންޏެވެ.
އަދުގެ އަޑުގެ އިތުރުން އޭނާ ވަނީ "ދީނުގެ އަޑު" އަދި "ރޭޑިއޯ ދޭއް" ގައި ވެސް ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އާތިފާގެ ގާބިލްކަން ދުވަހެއް ދުވަހަކަށް ކުރިއަރަމުން ދިޔަ އެވެ. މަސައްކަތް ކުރާ މާހައުލަކީ އޭނާ މިހާރު ވަރަށް ގަޔާވާ، ހިތްހަމަޖެހޭ ތަނަކަށްވި އެވެ. އެއްކޮށް މަސައްކަތް ކުރާ މީހުންނާ ގާތް ގުޅުން އުފެދުނެވެ. މަގާމުގެ ކުރިއެރުންތައް ވެސް ލިބެމުން ދިޔަ އެވެ.
ދެހާސް ހަތަރު ވަނަ އަހަރުގެ ސުނާމީއަށްފަހު ދިވެހިރާއްޖޭގެ އަޑުގެ މަސައްކަތަށް ނިކުންނަށް ޖެހުނެވެ. އަޑުގައި މަސައްކަތް ކުރަން ލިބުމަކީ އޭނާއަށް ވަރަށް ފުން އުފަލެއް ލިބުނު ކަމެއް ކަމަށް އޭނާ ބުންޏެވެ.
"މިއަދު އަޅުގަނޑަކީ ދިވެހިރާއްޖޭގެ އަޑުގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއް. ކުރާ މައިގަނޑު މަސައްކަތަކީ ޕްރޮގްރާމް އުފައްދާ ޕްރެޒެންޓް ކުރުން. އޭގެ އިތުރުން ސުޕަވައިޒަރީ ލެވެލްގައި ވެސް މަސައްކަތް ކުރަން. އަޅުގަނޑުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ އަޅުގަނޑުގެ ދަށުން ތިބޭ މުވައްޒިފުންގެ މަސައްކަތް ބަލައި، ޕްރޮގްރާމްގެ ކޮންޓެންޓް ޗެކްކުރުމާއި، ސްކްރިޕްޓް ޗެކްކުރުން،" ބެސްޓް ރޭޑިއޯ ޕްރެސެންޓަ މުބާރާތުގައި ދެ އަހަރެއްގެ މަތިން ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ އާތިފާ ބުންޏެވެ.
އާތިފާ ބުނިގޮތުގައި ބްރޯޑްކާސްޓިން ދާއިރާގައި އޭނާއަށް ދެމިހުރެވުމުގެ ސިއްރަކީ އެކަމަށް އޮތް ލޯތްބެވެ. މަސައްކަތަށް ހުރި ޝައުގުވެރިކަމެވެ. އެ ދާއިރާއަށް ނިކުންނަން ބޭނުންވާ ކުއްޖަކަށް އޭނާ ދޭ ވަރަށް ޚާއްސަ މެސެޖެއް ވެސް ހިއްސާކޮށްލި އެވެ.
"ލާރި ހޯދަން ވަޒީފާއެއް އަދާކުރުމުގެ ނިޔަތުގައި މި ދާއިރާއަށް ނިކުމެގެން ގިނަ ދުވަހު ދެމިހުރުމަކީ ފަސޭހަކަމަށް ނުވާނެ. މިއީ ވަރަށް ވަގުތުދީ މީހާ އެކަމަށް ހުސްވާން ޖެހޭ މަސައްކަތެއް. ވަރަށް ގަޑިއަށް ފަރުވާތެރިވެގެން ނޫނީ މިތަނުގެ ސްޓޭންޑަޑެއް ނުހިފެހެއްޓޭނެ. އަޅުގަނޑު ބުނާނީ މިދާއިރާއަށް އަންނާށޭ ވަރަށް ބޭނުންވެގެން. އޭރުން ރަނގަޅުވާނެ،" އާތިފާ ބުންޏެވެ.
އަޑުގައި 26 އަހަރު: މިއަދު އެންމެ ސީނިއާ ޓީމުގެ އެކަކު
މަސައްކަތުގެ ދިގުމާޒީގައި އޭނާ ވަނީ އަމިއްލަ ގިނަ އުފެއްދުންތަކެއް ވުޖޫދުކޮށްފަ އެވެ. އޭނާއަކީ ގިނަ އެޕިސޯޑުގެ މައްޗަށް އެކުލެވޭ އެކި ދިގުމިނުގެ ސިލްސިލާ ޑްރާމާ އުފެއްދާފައިވާ މީހެކެވެ. މީގެ އިތުރުން ޑްރާމާ ކުޅުމާއި، ތަރުޖަމާ ރިޕޯޓާއި އަމިއްލަ ރިޕޯޓް ލިޔުމާއި، ޚަބަރު ކިޔުމުގައި މިއަދު ގިނަ އެހުންތެރިންގެ މަގްބޫލުކަން ހޯދާފައިވާ މަސައްކަތަށް ގާބިލް މީހެކެވެ. 2008 އިން ފެށިގެން މިއަދާ ހަމައަށް މެދުނުކެނޑި ހަފްތާގެ ވާހަކަ އަންނަނީ ވަރުބަލިކަމެއް ނެތި ހުށަހަޅަމުންނެވެ. އާތިފާ އެންމެ ފުރަތަމަ ކުޅުނު ޑްރާމާއަކީ "ވިސްނާލެވުނު ނަމަ" ކިޔާ ޑްރާމާއެކެވެ.
"އަޅުގަނޑު ޑްރާމާ އުފައްދާތާ 15 އަހަރުވެދާނެ. ސީދާ އަދަދު ދަންނަވަން އުނދަގޫ އެހެންނަމަވެސް ގާތްގަނޑަކަށް 35-40 ސިލްސިލާ ޑްރާމާ އަދި 20 ވަރަކަށް ސިލްސިލާ ލަވައިން ވާހަކަ އުފެއްދިފައި ވާނެ. އަޅުގަނޑަށް އުފެއްދުނު ޑްރާމާތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ 'ނިވެމުންދާ ހުޅުކޮޅު' އަދި 'ދުށުންއެދެމޭ' މިދެ ޑްރާމާ. ޕްރޮގްރާމްތަކުގެ ތެރެއިން އަޅުގަނޑު އުފެއްދި 'ބަނޑޭރިގެ' ވެސް ވަރަށް ޚާއްސަ އެއީ 2020 ގައި ނޮވެމްބަރު 3 އަކަށް އުފެއްދި ޕްރޮގްރާމެއް،" އޭނާ ބުންޏެވެ.
ކުރު ޓްރޭނިންތައް ނިންމާލާއިރު އެސައިންމަންޓެއްގެ ގޮތުގައި ހެދި ޑްރާމާއެއް ކަމަށްވާ "ދެވަނަ ހިޔަނި" އަކީ ވެސް އާތިފާއަށް ވަރަށް ހާއްސަ ޑްރާމާއެއް ކަމަށް އޭނާ ބުންޏެވެ.
"އެހެން ކުރު ޓްރޭނިންއެއް ނިންމާލާފައި އެސައިންމެންޓެއްގެ ގޮތުގައި ހެދި އަދި އެއަށް 3 ވަނަ ލިބުނު 'ދާރުލް އާސާރަށް ނަޒަރެއް' ވެސް ފާހަގަ ކޮށްލަން. ކޮވިޑް ތެރޭގައި އަޅުގަނޑު ލިޔުނު ރިޕޯޓަކަށް ވެސް ވަރަށް ތަރުހީބު ލިބުނު. އެއީ ޑޮކްޓަރެއްގެ ހިދުމަތާއި އިހުސާސްތައް އޭނާގެ މަންމައަށް ބުނެދީ ލިޔާ ސިޓީއެއް،" 'ބާއްޖަވެރި ހެނދުނެއް' ވެސް މިހާރު ހުށަހަޅުމުން އަންނަ އާތިފާ ބުންޏެވެ.
އާތިފާއަކީ ދިވެހިރާއްޖޭގެ އަޑުގައި މަސައްކަތް ކުރާ ކެރޭ، ހީވާގި އަދި އުފެއްދުންތެރި ސީނިއާ މުވައްޒަފެކެވެ. މިއަދު އޭނާ ތެދަށް ހައްގަށް ބުނަންޖެހޭ ކޮންމެ އެއްޗެއް ބުނެލަން ފަހެއް ނުޖެހޭނެ އެވެ. އެ ބަދަލު އޭނާއަށް ގެނުވީ މަސައްކަތުގެ ތެރެއިން ލިބުނު އިލްމާއި ތަޖުރިބާގެ ސަބަބުންނެވެ. އަދި އެތައް ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބުނީތީ ކަން އޭނާ ހަނދާނެއް ނުނެތެ އެވެ. ޚާއްސަކޮށް އެއްކޮށް މަސައްކަތްކުރާ ރަމީޒް، ރާޒީ، ރިޒްމީ އަދި ހުދާ ބަހައްޓާ ގާތް އޭނާ ފާހަގަ ކުރެ އެވެ. އޭގެ އިތުރުން ފާއްކޮ، ނާފިޒް، ޝާކިރު، ނަސްރު އަދި ހިލްމީ ދެއްވާ އެއްބާރުލުމަށް ފަށްފަށުން ޝުކުރު އަދާކުރެ އެވެ.
"އަޅުގަނޑު އައިވީއެފް ޓްރީޓްމަންޓް ނެގިއިރު ވަރަށް ގިނައިން ރާއްޖެއިން ބޭރަށް ދާންޖެހޭ. އެދުވަސްވަރު ވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބުނު. އަޅުގަނޑު ބޭރަށް ދާން ބޭނުންވި ކޮންމެ ފަހަރަކު އެ ފުރުސަތު ފަހި ކޮށްދެވި. ޓްރީޓްމަންޓް ކާމިޔާބުވެ، މިއަދު އަޅުގަނޑުގެ އެބަހުރި ފަސް އަހަރުގެ ދަރިފުޅެއް ވެސް،" އާތިފާ ބުންޏެވެ.
މަސައްކަތުގެ މާހައުލުން ލިބޭ އެއްބާރުލުމުގެ އިތުރުން ދެން އެންމެ ބޮޑު ސަޕޯޓެއް ލިބެނީ މަންމަ އާއި ފިރިމީހާގެ ފަރާތުންކަން ވަރަށް ލޯތްބާ އެކު އާތިފާ ފާހަގަކުރެ އެވެ. އާތިފާ ބުނިގޮތުގައި މިއަދު އާތިފާ މަސައްކަތުގައި ހުރެވެނީ އެ ދެމީހުންގެ އެހީތެރިކަން ލިބޭތީ އެވެ.
ޚަބަރަށް އަޑުކޮޅެއް ލީނަމަ ވަރަށް ނަލަވީސް.
ރިޕްލައި