ސަލާން ޖެހުމަކީ އާއްމު ގޮތެއްގައި އެއްވެސް މީހަކު ކުރާ ހިތުން ކުރާނެ ކަމެއް ނޫނެވެ. ދިރިއުޅުން އެހެން ބައެއްގެ އަތުން ލިބޭ އެހީއަށް ބިނާ ކުރުމަކީ ގިނަ މީހުންގެ ހިތް ރުހޭނެ ކަމެއް ނޫނެވެ.
އެހެން ނަަމަވެސް އިންޑިއާއަށް ނިސްބަތްވާ ބާރަތު ޖެއިންއަކީ މިކަމުގައި މުޅިން ތަފާތު މީހެކެވެ. އޭނާއަކީ އޭނާގެ ދިރިއުޅުމުގެ އާމްދަނީ ހޯދަން ސަލާން ޖެހުމަށް ބަރޯސާވާ މީހެކެވެ. މި ނިކަމެތި އާއިލާއަކަށް އުފަން ބާރަތު ސަލާން ޖަހާތާ 40 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު އޭނާގެ މިލްކިއްޔާތުގައި މިވަގުތު 7.5 ކްރޯޑް ރުޕީސް އެބަހުއްޓެވެ.
ހަބަރުތައް ބުނާ ގޮތުގައި ދުވާލަކު 12 ގަޑިއިރާ ހަމައަށް ބާރަތު މަސައްކަތްކުރާއިރު ކޮންމެ ދުވަހަކު ވެސް 2000 ރުޕީސްގެ އާމްދަނީއެއް ލިބެ އެވެ.
މިގޮތުގެ މަތިން އަހަރުތައް ފާއިތުވެ ބާރަތު ވަނީ މުމްބާއީއިން ދެ ފްލެޓް ގަނެ އެ ފްލެޓްތައް ކުއްޔަށް ދީފަ އެވެ. އެއީ ވެސް އޭނާގެ އާމްދަނީއަށް އިތުރުވި ބޮޅެކެވެ. އެއާއެކު ބާރަތުއާއި އޭނާގެ އާއިލާ ގުޅިގެން ވަނީ ރެސްޓޯރެންޓް ވިޔަފާރީގެ ތެރެއަށް ވެސް ވަދެފަ އެވެ. އެ ވިޔަފާރި ވެސް ރަނގަޅަށް ހިނގަމުން އަންނަ ކަމަށްވެ އެވެ.
ބާރަތު ބުނީ ސަލާން ޖެހުމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށާއި އެކަމަށް އާއިލާ ނުރުހުނަސް އެކަން ކުރުން ހުއްޓާނުލާނެ ކަމަށެވެ.