މިއަދު ވައިގެ ދަތުރުފަތުރަކީ އަހަރުމެންގެ އަތްފޯރާ ފަށަށް އައިސްފައިވާ އާއްމު ހިދުމަތެކެވެ. ވައިގެ ދަތުރުފަތުރާ އަހަރުމެންގެ ދިރިއުޅުން ލާމެހިފައިވާ އޮތް މިންވަރު ދައްކުވައިދެނީ ރާއްޖޭގެ އުތުރުން ދެކުނަށް ދަތުރު ކުރާނަމަ ވެސް ވައިގެ ދަތުރުފަތުރު ބޭނުން ކުރުމެވެ.

އެހެން ނަމަވެސް މީގެ ގަރުނެއްހާ ދުވަސް ކުރިއަށް ބަލާލާއިރު މިއީ އާއްމު ކަމެއް ނޫނެވެ. ޒަމާނީ ވައިގެ ދަތުރުފަތުރުގެ ފެށުމަކަށް ވީ 1903 ވަނަ އަހަރުގެ ޑިސެމްބަރު މަހު 1 ވަނަ ދުވަހު އެމެރިކާއަށް ނިސްބަތްވާ ދެބެއިން ކަމަށްވާ "ދަ ވްރައިޓް ބްރަދާސް" ކުރި ތާރީހީ ދަތުރެވެ.

ދަ ވްރައިޓް ބްރަދާސް

އުތުރު ކެރޮލީނާގެ ނިކަމެތި އާއިލާއަކަށް ނިސްބަތްވާ އޯރްވިލް ވްރައިޓްއާއި ވިލްބާ ވްރައިޓްއަކީ އެ ދެބެއިންގެ އާއިލީ ބައިސްކަލް ގަރާޖުގައި މަސައްކަތްކުރި ދެބެއިންނެވެ.

ބައިސްކަލް މަރާމާތު ކުރުމުގެ ހުނަރާއި އިލްމުގެ ތެރެއިން އެ ދެބެއިން ދަސްކުރީ މުޅި ދުނިޔެއަށް އިންގިލާބެއް ގެނުވާނެ އުޅަނދެއް އީޖާދު ކުރާށެވެ.

އެގޮތުގެ މަތިން އުފެދުނީ ދުނިޔޭގެ އެންމެ ފުރަަތަމަ އިންޖީނުލީ - ވަޔަށްވުރެ ބަރު މަތިންދާ ބޯޓެވެ. "ދަ ވްރައިޓް ފްޔަޔާ"ގެ ނަން ދެވިފައިވާ އެ ބޯޓުގެ ފުރަތަމަ ދަތުރުގައި ބައިވެރިވީ ވެސް ވްރައިޓް ބްރަދާސްގެ ދެބެއިންނެވެ.

ދަ ވްރައިޓް ބްރަދާސް

ޖުމްލަ 120 ފޫޓު މަތިން 12 ސިކުންތަށް ދެމިގެންދިޔަ އެ ފްލައިޓުން މަގު ކޮށިގެން ދިޔައީ ދުނިޔޭގެ ދަތުރުފަތުރުގެ މުޅިން އާ ދައުރަކަށެވެ.

ވްރައިޓް ބްރަދާސްގެ އީޖާދު ވެގެންދިޔައީ ވައިގެ ދަތުރުފަތުރުގެ އިތުރުން ދުނިޔޭގެ ޓެކްނޮލޮޖީއަށް ވެސް އާ ދިރުމެއް ގެނުވައިދީ އާ ޓެކްނޮލޮޖީތަކަށް ވެސް މަގުފަހިކޮށްދިން ކަމަކަށެވެ.

އޭވިއޭޝަންގެ މާހިރުން ވިދާޅުވާ ގޮތުގައި ވްރައިޓް ބްރަދާސްގެ ކާމިޔާބީއަކީ ވައިގެ ދަތުރުފަތުރުގެ އިތުރުން މުޅި އިންސާނިއްޔަތަށް ވެސް ލިބުނު ކުރިއެރުމެކެވެ.

ދަ ވްރައިޓް ބްރަދާސް

އޭގެ ފަހުން އެއް ގަރުނާއި 21 އަހަރު ފާއިތުވިއިރު ވައިގެ ދަތުރުފަތުރުގެ ތަރައްގީއިން މިވަނީ ދުނިޔޭގެ އުތުރާއި ދެކުނު އަދި އިރުމައްޗާއި ހުޅަނގު ވެސް ގުޅުވައިދީފަ އެވެ.

މިއަދު ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 17 ވަނަ ދުވަސް ފާހަގަކުރަނީ "ވްރައިޓް ބްރަދާސް ޑޭ"ގެ ގޮތުގަ އެވެ. އެ ދެބެއިންގެ އިންގިލާބީ އީޖާދުގެ ހަނދާން ދިރުވުމަށެވެ.