ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ރޭ ލާޒިއޯ އަތުން އަމިއްލަ ދަނޑުގައި 2-1 އިން މޮޅުވެ، 6-2ގެ އެގްރިގޭޓް ނަތީޖާއަކާއެކު އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
މެޗުގެ 33 ވަނަ މިނިޓުގައި ބަޔާނަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ ފޯވަޑް ރޮބަޓް ލެވަންޑޮވްސްކީ އެވެ. އަދި ދެވަނަ ހާފުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ އެރިކް މެކްސިމް ޗޫޕޯ-މޯޓިންނެވެ. މެޗުގެ ފަހުކޮޅު ލާޒިއޯ އަށް ލަނޑު ޖަހައިދިނީ މާކޯ ޕަރޯލޯ އެވެ.
މިއީ ޗެމްޕިއަންސް ލީގުގެ ކުއާޓާ އަށް ބަޔާން ދަތުރުކުރި 19 ވަނަ ފަހަރެވެ. ޗެމްޕިއަންސް ލީގުގައި ބަޔާން އެންމެ ފަހުން ކުޅުނު 19 މެޗުގައި އެ ޓީމު ބައްޔެއް ނުވެ އެވެ.
"މިއީ އަހަރަމެންނަށް ހައްގު މޮޅެއް،" ބަޔާންގެ ހެޑް ކޯޗު ހާންސި ފްލިކް ބުންޏެވެ. "އެކަމަކު މި މެޗުގައި ވެސް އަހަރަމެން ކޮޅަށް ލަނޑެއް ވަނީމަ ހިތްހަމައެއްނުޖެހޭ."
ލާޒިއޯގެ ކޯޗު ސިމޯނޭ އިންޒާގީ ބުނީ ބަޔާން އަކީ އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި މުބާރާތުގެ ގަދަ 16 އިން ޖާގަ ލިބުމަކީ ވެސް ލާޒިއޯއިން ފަހުރުވެރިވާ ކަމަށެވެ. – ބީބީސީ