ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރީނދޫ އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު 11:30 އިން މެންދުރުފަހު 15:30 އަށް ނެރެފައިވާ އެލާޓްގައި ބުނެފައިވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ވަނީ އިއްޔެ އިން ފެށިގެން ހޮނިހިރު ދުވަހާއި ހަަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
އެ އިދާރާއިން 12 ޖެނުއަރީގައި ނެރުނު މޫސުމާބެހޭ ހަބަރުގައި ބުނީ ރާއްޖޭގެ އިރުން، ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ރާއްޖޭގެ ހުޅަނގަށް ޖެހި ރާއްޖެއާ ގާތަށް ޖެހެމުންދާ ކަމަށެވެ. މިއާއެކު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަަމަށް މެޓުން ވަނީ ބުނެފަ އެވެ.
މެޓުގެ އިންޒާރާއެކު، ކަމާ ބެހޭ އިދާރާތަކާއި އާއްމުން ގުޅިގެން ދަނީ ރައްކާތެރިވުމަށްޓަކައި ދުރާލާ ވެލިބަސްތާ ޖެހުން ފަދަ ކަންކަން ކުރަމުންނެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ކައުންސިލްތަކާ ގުޅިގެން ގެއަށް ފެން ވަދެ އަދި އުދައިގެ އަސަރުކޮށްގެން ލިބިދާނެ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.