މީގެ އަހަރުތަކެއް ކުރިން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި ޕާކިސްތާނުގެ އަރްޝްދު ޚާން، "ޗައިވާލާ" ގާދޫކޮލުން ބޭރުވެ ލަންޑަނުގައި ކެފޭއެއް ހުޅުވައިފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޕާކިސްތާނުގެ ދެ އިންވެސްޓަރުންގެ އެހީއާއެކު ހުޅަނގު ލަންޑަނުގައި އަރުޝަދު ހުޅުވި މި ރެސްޓޯރެންޓަކީ އިނގިރޭސި ވިލާތުގައި އޭނާ ހުޅުވި ދެވަނަ ރެސްޓޯރެންޓެވެ.

"ކެފޭ ޗައިވާލާ"ގެ ނަމުގައި ހުޅުވާފައިވާ އެ ކެފޭއަކީ އާއްމު ގޮތެއްގައި ކޮފީއާއި ސައި އަދި ކުދި ކެއުންތައް ލިބެން ހުންނަ ކެފޭ އެކެވެ.

ޕާކިސްތާނުގެ މަގުމަތީގައި ސައި ވިއްކާ ކުޑަ ގާޑިޔާއެއް ހިންގަން އުޅުނު އަރުޝަދު އެންމެ ފުރަތަމަ އާއްމުންގެ ސަމާލުކަމަށް އައީ 2016 ވަނަ އަހަރު އެވެ.

އަރުޝަދުގެ މަޑު ނޫ ކުލައިގެ ހިތްގައިމު ލޮލުން ގިނަ ބައެއްގެ ހިތް އޭނާ އަތުލިއިރު އެއަށްފަހު އޭނާގެ ދިރިއުޅުން މުޅިން ބަދަލުވި އެވެ.

އެގޮތުން ލިބުނު މަޝްހޫރު ކަމާއެކު އޭނާގެ ވިޔަފާރި ފުޅާކޮށް ގާޑިޔާ ގަނޑު ދޫކޮށްލައި ޕާކިސްތާނުގައި ވެސް ރެސްޓޯރެންޓް ވިޔަފާރިއެއް އޭނާ ވަނީ ފަށާފަ އެވެ.

އޭގެ ފަހުން 10 ވަރަކަށް އަހަރު ވާން ކައިރިވެފައިވާއިރު މިއަދާ ހަމައަށް އަރުޝަދު ވަނީ ވިޔަފާރީގައި ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ.